ހއ. އުތީމު ޣާޒީ ބަންޑާރައިންގެ ސްކޫލް ދަރިވަރުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއިއެކު އުތީމު ޕޮލިސް ޑެސްކާއި، ކައުންސިލް އިދާރާއާއި، އުތީމު ޣާޒީ ބަންޑާރައިންގެ ސްކޫލް ގުޅިގެން އެސްކޫލްގެ، ގްރޭޑް 7ން 10ށް ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މެއި 9ވަނަ ދުވަހު، ގްރޭޑް 9 އަދި 10ގައި ތަޢުލީމް ޙާސިލްކުރަމުންދާ 42 ދަރިވަރުންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާއިރު، ގްރޭޑް 7 އަދި 8ގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް މެއި 13ވަނަ ދުވަހު ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
މިޕްރޮގްރާމްތަކުގައި، ހަރުދަނާ މީހަކަށްވުމަށްޓަކައި ދަރިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތްތަކާއި ދަރިވަރުންގެ އަޚްލާޤް ބައްޓަންކުރާނެ ގޮތްތަކާއި ދަރިވަރުންގެ ޒިންމާތަކާއި، މައިންބަފައިންނާއި މުދައްރިސުންނަށް އަދަބު އިޙުތިރާމް ކުރުމުގެ ގޮތުންނާއި ހަރުދަނާ މީހެއްގެ ގޮތުގައި މުޖްތަމަޢަށް ނިކުތުމަށްޓަކައި ކުރަންވީ ކަންކަމާއި އަދި ރިވެތި އަދަބުތަކާއި ސިފަތައް އަށަގެންނެވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާދު ދަރިވަރުންނަށް ދީފައިވެއެވެ.
މީގެއިތުރުން ކޮންމެ ދަރިވަރަކީވެސް މީހުން ބަލައިގަންނަ އަޚްލާޤު ރަނގަޅު ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ، މައިންބަފައިންނާއި މުދައްރިސުންގެ އިތުބާރު ލިބިފައިވާ ކިޔަމަންތެރި ފަންނީ ހުނަރުވެރި ބަޔަކަށް ވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ދަރިވަރުންތަކެއްގެ ގޮތުގައި މުޖްތަމަޢަށް ނިކުތުމުން ލިބިގެންދާނެ ފައިދާތަކާއި އިސްލާމީ މުޖްތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ދިނުމާއި މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަން ކުރުމަށް އިސްކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ސްކޫލް ދަރިވަރުން ކުށުގެ ވެށިން ދުރުކޮށް ރިވެތި އަދަބުތަކާއި ސިފަތައް އަށަގެންނެވުމުގެ ގޮތުންނާއި ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ދަރިވަރުންތަކެއްގެ ގޮތުގައި ތިބުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މިކްލާސްތަކުގައި، ޣާޒީ ބަންޑާރައިންގެ ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ