މާލެހިޔާ އަދި ސިނަމާލޭގެ ފްލެޓްތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމާއެކު އެ ފްލެޓްތަކުގެ ހާލަތު ބަދަލުވެ، ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި ގޮތްތަކެއް ސަރުކާރުން ހޯއްދަވާ ދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ ރައްޔިތުން ވަނީ ހާމަކޮށްފައެވެ.
މާލޭ ސިޓިގެ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ހިޔާ އަދި ސިނަމާލޭގެ ފްލެޓްތައް ހުރި އިރު އެތަންތަނަށް އެކި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެ ފްލެޓްތަކުގައި ފެން ލީކުވުމާއި ކުނީގެ މައްސަލަތަކަކީ އިންތިހާއަށް އެ ފްލެތަކުގައި ދިރިއުޅޭ ފަރާތްތަކުން ތަހައްމަލު ކުރަން ޖެހުނު މައްސަލަތަކެކެވެ. އެ ކަންތައްތައް ހައްލުކުރުމުގެ ގޮތުން އެ ފަރާތްތަކުން ވަނީ އެކި ފަހަރުމަތިން މާލޭ ސިޓީ ކައުންސިލަށް ގޮސް ކައުންސިލަރުންނާ އެކަންތައްތައް ހިއްސާކޮށްފައިކަމަށް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް އެ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށްބުނެ ކޮންމެ ފަހަރަކުވެސް އެކަންކަން އިބިލީހުގެ ކައިވެންޏަށް ބަދަލުވެގެން ދާ ކަމަށާ އަދި އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީވުމުގެ ގޮތުން ބަހައްޓާފައި ހުންނަ މެއިންޓެނެންސް އޮފީސްވެސް ކައުންސިލުން ނެގުމަށްފަހު އެ އޮފީސް ނުހުޅުވާކަމަށްވެސް ބުނެއެވެ. އެތައް ފަހަރެއްގެ މަތިން ކައުންސިލަށް އެދުމުންވެސް އެހީވެ ނުދިނުމުން އަމިއްލައަށް މަރާމާތުކޮށްގެން އުޅޭކަމުގެ ޝަކުވާވެސް އެރައްޔިތުން ކޮށްފައިވެއެވެ.
ކުނި ނައްތާލުމަށް ހަދާފައިވާ ވެންޓުތައް ކުރިން މަސައްކަތްކުރި ނަމަވެސް މާލޭގެ ކުނި ނައްތާލުމުގެ ކަންކަން ވެމްކޯއާއި ހަވާލުކުރެވުމުން މާލޭ ސިޓީ ކައުންސިލުން އެ ވެންޓުތައް ބަންދުކޮށް އެފަރާތްތަކަށް ކުނި އުކާލުމަށް އުދަގޫތަކާ ކުރިމަތި ކުރުވަމުން ދިޔަކަން އެ ފަރާތްތަކުން ފާހަގަ ކުރިއެވެ.
ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޚިޔާލުތައް މިހެން ހުރިއިރު މާލޭގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދެވި ދޮރުން ދޮރަށް ކެމްޕެއިންގައި އެފަރާތްތަކާއި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމުން އެ ބޭފުޅުންގެ ހާލަތު ވަނީ މިނިސްޓަރާ ހިއްސާކޮށްފައެވެ.
އަދި އެ ފަރާތްތަކުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ކެބިނެޓްގައި އެ މައްސަލަ ރައީސް އަށް ހުށަހަޅުއްވާ އެމަނިކުފާނުގެ ޚާއްޞާ ހުއްދައެއްގެ ދަށުން މިނިސްޓަރ ވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭ ހިޔާއާއި ސިނަމާލޭގެ ފްލެޓްތައް ނެގުމަށްފަހު ހައުސިން މިނިސްޓްރީގެ ދަށަށް ގެންގޮސްފައެވެ. އަދި މިހާރު މި ކަމުން އެފަރާތްތަކަށް މުޅިން އާ އުއްމީދުތަކެއް ލިބެމުން ދާކަމަށް ވަނީ ބުނެފައެވެ.
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ދަތިތައް މާލެސިޓީ ކައުންސިލަށް ނުކުރެވުނު ނަމަވެސް ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ މިނިސްޓްރީގެ ބެލުމުގައި ދަށުގައި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް – ފްލެޓްގައި ދިރިއުޅޭ ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ