އެމްޑީޕީގެ ސަރުކާރެއްގައި ކޮންމެ ސްކޫލް ކުއްޖަކަށް ކިރު ތައްޓަކާއި ދޮންކެޔޮ ވަކެއް ދެވޭނެ - ނަޝީދު

އެމްޑީޕީގެ ސަރުކާރެއްގައި ކޮންމެ މަދަރުސާ ކުއްޖަކަށް ކިރު ތައްޓަކާއި ދޮންކެޔޮ ވަކެއް ދޭނެ ކަމަށް ބުނެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ވައުދެއް ވެވަޑައިގެންފި އެވެ.
ފުވައްމަލަކު އަތޮޅު މަދަރުސާގައި  އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަލަށްވާ ވައުދަކީ މަދަރުސާއަށް އަންނަ ކޮންމެ ކުއްޖަކަށް ކިރުތައްޓަކާ ދޮންކެޔޮ ވަކެއް ދިނުން ކަމަށާއި ބަނޑުހައި ހޫނުކަމުގައި ތިބެ ސްކޫލް ކުދިންނަށް ނުކިޔެވޭނެ ކަމަށެވެ.
"އެމްޑީޕީގެ ސަރުކާރުން ވާނެ ދެން އަނެއް ވައުދަކީ އެމްޑީޕީގެ ސަރުކާރެއްގައި ކޮންމެ މަދަރުސާ ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮ ވަކެއް އަޅުގަނޑުމެން ދޭނަން. ބަނޑުހައި ހޫނުކަމުގައި ތިބެ ނުއެއް ކިޔެވޭނެ، އަޅުގަނޑުމެން ބޭނުންވަނީ ދުޅަހެޔޮ ސިއްހަތެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
މިރޭ ނަޝީދު ވަނީ އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް ގާއިމުކޮށް ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް އެބޭންކް މެދުވެރިކޮށް ލޯން ދޫކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ފުވައްމުލަކުގައި ހައި ސްކޫލެއް އުފައްދާ ތައުލީމް ދޭން ފަށާނެ ކަމަށް ވެސް މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ ފުވައްމުލަކު ތަރައްގީ ކުރުމުގައި އެމްޑީޕީގެ ތަސައްވުރެއް އެބައޮތް ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ފުވައްމުލަކުގެ ރައްޔިތުންނާއި ރާއްޖޭގެ އެހެން ރައްޔިތުން ވެސް އަމިއްލަ ހަލާލު މަސައްކަތުން މަސައްކަތްކޮށްގެން އުޅެވޭނެ ދުވަހެއް ހޯދާ ދިނުމާއި މުއްސަނދިން ކައިރިން ސަލާން ޖަހައިގެން ނޫޅެވޭނެ ދުވަހެއް ހޯދާ ދިނުން ކަމަށެވެ. އަދި މިކަންތައްތައް ހުއްޓާލާނީ ކާމިޔާބުކޮށްފައި ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވި އެވެ.
ފުވައްމުލަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިރަށަކީ ވަކިން އޮންނަ ރަށެއް ކަމަށްވާތީ ސަރުކާރުން ގެންގުޅެން ޖެހޭ އުސޫލުތައް ތަފާތުވާން ޖެހޭ ކަމަށާއި ސަރުކާރުން އަބަދުވެސް ފުވައްމުލަކާއި މެދު އިތުރު ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ.
މިއަދާއި ހަމައަށް މަސައްކަތްކުރެވުނުއިރު ބައެއް ކަންތައް ރައީސް ނަޝީދުގެ ސަރުކާރުން ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ.ވަހީދުގެ ސަރުކާރުން ބައެއް ކަންތައް ކުރަމުންދަނިކޮށް ހުއްޓުވާފައިވާ ކަމަށް ވެސް ނަޝީދު މިރޭ ތުހުމަތުކުރެއްވި އެވެ.
"މިކަންތައް ކުރަން ބޭނުންވަނީ އިންތިހާބެއް، ފުވައްމުލަކު އެއާޕޯޓަކީ ނިމުމެއް ނޫން، އެ އެއާޕޯޓާއި ގުޅިގެން އިތުރަށް ފުޅާކުރަންޖެހޭ ކަންތައްތަކެއް އެބަހުރި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އުއްމީދަކީ އަބަދުވެސް ދިވެހި ރައްޔިތުންނަށް ތަރައްގީ ހޯދާ ދިނުން. އަޅުގަނޑުމެން ވެރިކަމަށް އަންނަން ބޭނުންވަނީ މިރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ހޯދާ ދޭން.އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތީ އެއާޕޯޓާއެކު ހޮޓަލެއް ގާއިމުކުރަން، އަޅުގަނޑުމެންގެ ސަރުކާރު ވައްޓާލީ މި މަސައްކަތްކުރަމުންދަނިކޮށް، އެމްޑީޕީގެ ސަރުކާރު އެނބުރި އައީމަ އެކަންތައް ނިންމާދޭނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން." ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ކޮންމެ ވައުދެއް ވާއިރު އެމަނިކުފާނު ޖަލަށްލާނެ ކަމަށް ވިދާޅުވާ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށްވާ ވައުދުތައް ކާމިޔާބު ކުރެވޭނީ އެގޮތަށް ކަމަށް ވަންޏާ ޖަލަށް ދާން ތައްޔާރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކާމިޔާބުގައި ހިތްތިރި ކުރަން ޖެހޭ ކަމަށާއި ނާކާމިޔާބުގައި "ހެނދުނު 7:30 ގައި ހޭލަން ޖެހޭނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ