ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ފޭކު ޓްވީޓެއް - އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްކަމަށް ބުނެ މިހާރު ދައުރުވަމުންދާ ޓްވީޓަކީ ފޭކް އެކައުންޓަކުންކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަތަކެއް އެކުލެވޭ ޓްވީޓެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތުމުން އެކަމާއި ގުޅޭގޮތުން އުމަރު ކުރައްވާފައިވާ ޓްވީޓެއްކަމަށް ބުނެ ދައުރުވަމުންދަނީ ފޭކް ޓްވީޓެއްކަމަށެވެ.
ދައުރުވަމުންދާ ޓްވީޓްގައި ބުނެފައިވަނީ ރައީސް މައުމޫން މިރޭ އެމްޑީޕީއާއިއެކު ބައިއަތު ހިފި ހިސާބުން އުމަރު ދެން ދުވަހަކުވެސް މައުމޫނަށް ތާއީދު ނުކުރަން ނިންމާފައިވާކަމަށެވެ.
ރައީސް މައުމޫނާއިއެކު މަސައްކަތް ކުރެއްވި އަދި ރައީސް މައުމޫނަށް އަދިވެސް ތާއީދުކުރައްވާކަމަށް ވިދާޅުވާ އުމަރު މިރޭ ވިދާޅުވީ އެ ޓްވިޓަކީ ފޭކް ޓްވީޓެއްކަމަށާއި އެކަން ރައްޔިތުންގެ މައުލޫމާތަކަށްޓަކައި ދަންނަވާކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް އިސްލާހީ މަަސައްކަތްކުރައްވާ 4 ޕާޓީއާއި ގުޅިގެން ރަސްމީކޮށް މަސައްކަތް ކުރައްވަން ފަށްޓަވާފައި ނުވާއިރު, އުމަރު މީގެ ކުރިން ވިދާޅުވީ, އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކުން ނުފެންނަނީ ރައީސް ނަޝީދަށް ތާއީދުނުކުރެވޭތީކަމަށާއި ނަޝީދާއިއެކު ކުރިއަށް ދެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި އުމަރު ފާހަގަކުރެވިފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަމަށް އުމަރުވަނީ އިއުލާން ކުރައްވާފައެވެ. އަދި އޭނާ ގެންދަވަނީ ސޯޝަލް މީޑިއާގައި ކެންޕޭންވެސް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ