ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާއަށް ސަރުކާރު ކޯލިޝަނުން ކުރިމަތިލައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ހުތުރު ބައްޔަކުން ބަލި ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާއަށް ކުރިމަތިލައްވާ ރޮޒޭނާ އާދަމާއި ކިނބިދޫ ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު ނާޝިޒްގެ ކެމްޕޭން ޖަގަހަ އެކުގައި ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ކިނބިދޫ ދާއިރާއަށް ނާޝިޒާއި ވާދަ ކުރުމަށް ޕީޕީއެމް ކޯލިޝަނުން ނިކުންނަވާ އަބްދުﷲ ރިޔާޒަކީ މި ދައުލަތަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ފަރާތެއް ކަމަށެވެ.
"އަޅުގަނޑުމެންނާ ކުރިމަތިލާ އަބްދުﷲ ރިޔާޒަކީ ކޮންފަދަ ޖަރީމާއެއް މި ދައުލަތަށް ހިންގާފައިވާ މީހެއްކަން ރާއްޖޭގެ ރައްޔިތުންނަށާއި، ކޮޅުމަޑުލު ރައްޔިތުންނަށް ވެސް މާ ބޮޑަށް ސާފުވާން ޖެހޭނެ. ހުތުރު ބައްޔަކުން އަބްދުﷲ ރިޔާޒް ބަލިވާން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކިނބިދޫ ދާއިރާއަށް ނާޝިޒަށް ވޯޓް ދިނުމަކީ ރާއްޖޭގައި ބަޣާވާތްކޮށް، ޤައުމުގެ ވެރިކަމުގެ ނިޒާމު ކިލަނބު ކުރި މީހެއްގެ ކިބައިން އިންސާފު ހޯދުމުގެ ފުރުސަތެއް ލިބުން ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީގެ ގޮނޑިތައް މާ ބޮޑަށްވެސް އެމްޑީޕީއަށް ވަނީ ފަހިވެފައި ކަމަށާއި، ވަކިން ޚާއްސަކޮށް ރޮޒޭނާ އާދަމް ވާދަކުރައްވާ އައްޑޫމީދޫ ގޮނޑި ވަނީ އެމްޑީޕީއަށް ފަހިވެފައި ކަމަށެވެ.
މި ޖަލްސާގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ، ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ކިނބިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކު މި ޖަލްސާގައި ވިދާޅުވީ، ކިނބިދޫ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓް ނާޝިޒް އަކީ އަނގަ މަޑު ނަމަވެސް ހިތް އޮޅިވަޑާއިގެންފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި، އައްޑޫމީދޫ ދާއިރާއަށް ކުރިމަތިލައްވާ ރޮޒޭނާ އާދަމަކީ ބުނާ ބަހުގައި ދޫނުކޮށް ހިފަހައްޓާނެ ކަމަށާއި، އެމްޑިޕީއިން ރޮޒޭނާއާއި އެކުގައި ބޭއްވު ޖަލްސާތަކުން ހާމަވަނީ އެއީ "ފިސާރި" އަންހެން ކަނބަލެއް ކަމަށެވެ.
ހުތުރު ބައްޔަކުން އަބްދުﷲ ރިޔާޒް ބަލިވާން ޖެހޭނެ - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ