ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމަށް ބިލް ހުށަހެޅުއްވުމަށްފަހު ބިލާ ދެކޮޅަށް ޝަރީފް ވޯޓް ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކުރަން ކޯޓްތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށްފަހު އެބިލް ފާސްކުރުމާ ދެކޮޅަށް ބިލް ހުށަހެޅުއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވޯޓް ދެއްވައިފި އެވެ.
ޝަރީފް އެ ބިލް ހުށަހެޅުއްވުމަށްފަހު އެބިލް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އޭނާ ހުށަހެޅުއްވި ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނެސްފައިވާތީއާއި އެބިލް ފާސްކުރުމަށް އެމްޑީޕީން ބޭނުން ނުވާތީ ކަމަށް ޝަރީފް މިއަދު ބައެއް މީޑިއާ ތަކުގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހަށް ބިލެއް ބަލައިގަތުމަށްފަހު އެ ބިލެއް އަނބުރާ ގެންދެވެން ނޯންނާތީވެ އެ ބިލް އަނބުރާ ނުގެންދެވުނީ ކަމުގައިިވެސް ޝަރީފް ވިދާޅުވެފައިވެ އެވެ.
ކޯޓް ތަކާ ބެހޭ ގާނޫނަށް ޝަރީފް ހުށަހެޅުއްވި އިސްލާހު ފާސްނުކުރަން އެމްޑީޕީން ނިންމާފައިވާއިރު، އެ ބިލް ފާސްކުރުމަށް މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ވޯޓް ދެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު އެކަންޏެވެ. އެބިލަށް ވޯޓް ދެއްވާނެ ކަަމަށް މޫސަ ވަނީ ކުރިންވެސް ވިދާޅުވެފަ އެވެ.
ޝަރީފް ހުށަހެޅުއްވި އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެބިލް ފާސްވީ 46 މެންބަރުންގެ ތާއީދާއެކު އެވެ. ބިލް ފާސްކުރުމާ ދެކޮޅަށް 19 މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ