މެސީ އާއި ޔަމާލްގެ ފޮޓޯގަނޑު

ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗަށް މިރޭ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ސްޕެއިން ނިކުންނައިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ މީގެ 19 އަހަރު ކުރިން ނަގާފައިވާ ފޮޓޯ އަކަށެވެ.
ޔުނިސެފުން ކުޑަކުދިންނަށް އެހީވުމަށް ބާސެލޯނާ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން އެ ޖަމާއަތުގެ ކަލަންޑަރެއްގައި ޖެހުމަށް ނެގި މި ފޮޓޯ އިން ފެންނަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އޭރު އުމުރުން އަހަރެއް ވެސް ނުވާ ސްޕޭނުގެ ލަމީން ޔަމާލް ބާތް ޓަބެއްގައި ފެންވަރުވާ މަންޒަރެވެ. ޔަމާލްގެ އުމުރުން ދާދި ފަހުން 19 އަހަރުގެ ވެފައިވާއިރު އޭނާ އަކީ މިހާރު ބާސެލޯނާގައި މެސީގެ މަގާމު އަދާ ކުރާ ސްޕޭންގެ ގައުމީ ޓީމުގެ ވެސް އެންމެ ވިދުންގަދަ ތަރިއެވެ. 2007 ވަނަ އަހަރު މެސީ އާއި ޔަމާލް ނެގި މި ފޮޓޯ އަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވަނީ މިފަދަ އެތައް ސަބަބުތަކާހެދި އެވެ.
ހާއްސަކޮށް މިރޭގެ ފައިނަލް މެޗަށް ނުކުންނައިރު މިއީ މިހާރާއި ކުރިމަގު ސިފަކޮށްދޭ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ދަނީ އިއްތިފާގުވަމުންނެވެ. މެސީ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޔަމާލަކީ ކުރިމަގުގައި އޭނާގެ ފިޔަވަޅުތަކުގެ މަތީން ހިނގާނެ އެ ފަންވަރުގެ ކުޅުންތެރިޔާ ކަމަށް ދުނިޔެ ގަބޫލު ކުރާ ސަބަބުތައް ގިނަ އެވެ.
މީގެ 19 އަހަރު ކުރިން ނެގި މި ފޮޓޯ ނަގާފައިވާއިރު ސްޕޭންގެ ގައުމީ ޓީމުގައި ޔަމާލްގެ ޖާޒީ ނަންބަރަކީ ވެސް 19 އެވެ. އޭނާގެ އުމުރަކީ ވެސް ނަވާރަ އެވެ. އަނެއް އިއްތިފާގަކީ މި ފޮޓޯ ނެގިއިރު ބާސެލޯނާގައި މެސީ ކުޅެމުންދިޔައީ ވެސް 19 ނަންބަރުގައެވެ.
މި ފޮޓޯ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް ގެނައީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން އިން ކާމިޔާބުކުރުމާއިއެކު ލަމީން ޔަމާލްގެ ބައްޕަ މުނީރު ނަސްރާއީ އެވެ. އޭނާ ސޯޝަލް މީޑިޔާ އަށް މި ފޮޓޯ ދޫކޮށްލަމުން ކެޕްޝަނަކަށް ޖަހާފައިވަނީ "ދެ ލެޖެންޑުންގެ ފެށުން" ކަމަށެވެ. އެގެ ފަހުން ފަނޑުވުމެއްނެތި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް މި ފޮޓޯ ދައުރު ކުރަމުންދާއިރު މި ފޮޓޯ އަށް ސަމާލުކަން ހުއްޓިފައިވާ އިތުރު ސަބަބުތަކެއްވެސް އެބަހުރި އެވެ. ސަބަބަކީ 19 އަހަރު ފަހުން ވޯލްދް ކަޕް ތަށި ހޯދަން މި ދެ ކުޅުންތެރިން އެކަކު އަނެކަކަށް ވާދަކުރާތީވެ އެވެ. މިއީ ދުނިޔެ ގަބޫލުކުރާ ގޮތުގައި ބޮޑު އިއްތިފާގެއް. އެހާމެ ބޮޑު ހައިރާން ކަމެއްވެސްމެއެވެ.
ސްޕެއިންގެ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ ޗޭންޖިންގ ރޫމް ތެރޭގައި ނެގި ފޮޓޯ އާއިއެކު މި ދެ ތަރިން ފުޓްބޯޅަ ދަނޑުން ވާދަވެރި މެޗަށް ނުކުންނަ ފުރަތަމަ ފަހަރަކީ މިރޭގެ ފައިނަލް މެޗެވެ. ކޮންމެ މީހަކު މޮޅުވިޔަސް އަނެއްކާ ވެސް މި ފޮޓޯގެ ދައުރުކުރުން މާބޮޑަށް ވެސް އިތުރުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ