ހުޅުމާލެ ދޭއްގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ތަނަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ހިޔާގެ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މެންދުރު 1:30 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން އެޕާޓްމަންޓުގައި ރޯވި އަލިފާން ވަނީ އެއްކޮށް ނިއްވާލެވިފައި ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އަލިފާން ރޯވީ އެޕާޓްމަންޓްގެ ބަދިގޭގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އާންމުވެފައިވާ ފޮޓޯތަކުގައި ފެންނަ ގޮތުގައި ބަދިގެ ސެޓުން ވެސް އެއްބައި އޮތީ އަނދައި އަޅިއަށް ވެފަ އެވެ. އަދި ގޭގެ ސިޓިންރޫމުގެ ސީލިންގު ވެސް ދުމުގެ އަސަރުކޮށްގެން އޮތީ އެއްކޮށް ކަޅުވެފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނި ގޮތުގައި އަލިފާން ރޯވީ 19 ވަނަ ފްލޯގައި ހުންނަ ހަވަނަ އެޕާޓްމަންޓުގަ އެވެ.
އެ ހާދިސާގެ ސަބަބުން އެޕާޓްމަންޓުގައި ދުމުގެ އަސަރު ބޮޑުވެ، އެތަނުގައި މި ވަގުތު ދިރިއުޅެން އެކަށީގެން ނުވާތީ އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ ފަސް ދިވެެއްސަކަށް ތިން ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެެވެ.
ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ