ރަސްމާލެއަކީ އިގްތިސާދު ހަލާކުކޮށް، އަމިއްލަ ލެގަސީއެއް އުފެއްދުމަށް ހިންގާ މަޝްރޫއެއް: އަމީތު

ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ނާޒުކުވެ ގައުމު ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ސަރުކާރުން އިގްތިސާދު ރާވާލުމުގެ ބަދަލުގައި މަސައްކަތް ކުރަނީ އަމިއްލަ ލެގަސީއެއް ދެއްކުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އަމީތު ފާހަގަކުރެއްވި ގޮތުގައި ކޮންމެ ސަރުކާރެއްވެސް އިންތިހާބު ކުރަނީ ކުރީ ސަރުކާރުގެ ގޯސްތައް އިސްލާހުކޮށް، އާ އުއްމީދުތަކެއް ހާސިލުކުރުމަށް ކަމަށް ވީނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދާއިރު ވެސް، ކޮންމެ ކަމެއްގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ ކަންކަން ކުރަން ނޭނގޭތީ ދައްކާ ބަހަނާއެކެވެ.
މި ވެރިކަމުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް ދައުލަތުގެ ދަރަންޏަށް 37 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާކަން ފާހަގަކުރައްވަމުން އަމީތު ވިދާޅުވީ، މިއީ ކުރީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ބުނެވެން ނެތްކަމަށާއި، މިއީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށެވެ. މިހާރު ރާއްޖޭގެ ޖުމްލަ ދަރަނި 155 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 123 އިންސައްތައަށްވުރެ މަތީ އަދަދެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަކީ 60 އިންސައްތަ ކަމަށްވާއިރު، ރާއްޖޭގެ މި ހާލަތަކީ ގައުމެއް ބަނގުރޫޓުވުމާ ދިމާލަށް ދަތުރުކުރާ ކަމުގެ ސާފު ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ޑޮލަރު ނުލިބި، ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށްދާ މީހުން ތަކުލީފު އުފުލަމުންދާއިރު، ސަރުކާރަށް މުހިންމުވީ 500 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޑްރޯން ގަތުންކަމަށް ބުނެ އެކަމަށް ވެސް އަމީތު ފާޑުކިއުން އަމާޒު ކުރެއްވި އެވެ. އަދި މިއީ އިގްތިސާދީ އުފެއްދުންތެރިކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، ހަމައެގޮތަށް ރަސްމާލެ ހިއްކުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކުރާއިރު، ކުރިއަށް އޮތް 10 އަހަރު ތެރޭގައިވެސް އެތަނުގައި މީހުން އާބާދުވެވޭނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމަށްޓަކައި އެތައް މިލިއަން ޑޮލަރެއް ހަރަދުކުރަމުންދާއިރުގައި މި ދައުރު ނިމެންދެން ވެސް އެ މަޝްރޫއު.. އެތަން ހިއްކޭނެކަމުގެ ޔަގީންކަމެއް ނެތް. އެތަނުގައި މީހުންނަށް އަދި ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ވެސް އާބާދުވެވޭނެކަމުގެ ޔަގީންކަމެއް ނެތް. އޭގެ ބަދަލުގައި ހުޅުމާލޭގައި އަޅުގަނޑުމެން އެބަޖެހޭ ފެނާއި ނަރުދަމާ ގާއިމުކޮށް، އެތަނުގައި މީހުން ގެދޮރުއެޅޭނެ މަގުތައް ފަހިކޮށް، މީހުންނަށް އާބާދުވެވޭނެ މަގެއް ހޯދަން އެބަ ޖެހޭނޫންތޯ. އެ ހަރަދެއް ނުކުރޭ. އެ މަސައްކަތަށް ނުކޮށް ބަހައްޓާފައި ހަމައެކަނި ތިމަންނާގެ ލެގަސީއެއް އުފަންކުރުމުގެ މަގްސަދުގައި ރަސްމާލެ ކިޔާ ތަނެއް މި ހިއްކަނީ..
އަމީތު ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ރައީސްގެ އަމިއްލަ ލެގަސީއެއް އުފަންކުރުމުގެ ބޭނުމުގައި، މިހާރު ހުރި ފެނާއި ނަރުދަމާ ފަދަ ޒަރޫރީ މަސައްކަތްތައް ހުއްޓާލުމަށްފަހު ކުރާ ބޭކާރު ހަރަދުތަކެކެވެ. އަމީތު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.35 ރުފިޔާއަށް އުފުލިފައިވާއިރު، ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ. ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ޑޮލަރުގެ އަގު ބޭންކު ރޭޓަށް ތިރިވާނެކަމަށް ވިދާޅުވި ނަމަވެސް، ހަގީގަތުގައި ޑޮލަރުގެ އަގު ދަނީ ދުވަހުން ދުވަހަށް މަތިވަމުންކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސްރީލަންކާ ބަނގުރޫޓުވެގެން ދިޔައިރުވެސް އެ ގައުމުގެ ވެރިން ކަންކަން ރަނގަޅުކަމަށް ބުނަމުން ދިޔަ ފަދައިން، ރާއްޖޭގެ މިހާރުގެ ވެރިންވެސް އަމަލުކުރަމުންދަނީ އެ އުސޫލުންކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އަމީތު ވިދާޅުވީ ބޭރުގެ އެހީ އާއި ލޯނު ނުލިބޭ ސަބަބަކީ ސަރުކާރުގެ ނާކާމިޔާބު ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. ދައުރުގެ ކުރީކޮޅު ތިން ފޮރިން މިނިސްޓަރުން ބަދަލުކުރުމުން ބޭރުގެ ގައުމުތަކުން ރާއްޖެއަށް އޮތް އިތުބާރު ގެއްލޭނެކަމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން ނެތް ކަމަށް ވަޒަންކުރެވޭ ގައުމަކަށް ބޭރުގެ ފަރާތްތަކުން ފައިސާ ދޫނުކުރާނެކަމަށް އަމީތު ވިދާޅުވިއެވެ.
ފިސްކަލް ޑެފިސިޓް 10.9 އިންސައްތައަށް އަރާފައިވާއިރު، މުޅި ގްތިސާދު އޮތީ ހަތަރު އުދަރެސް ފެނުޖެހިފައިކަމަށް އަމީތު ސިފަކުރެއްވިއެވެ. ރައްޔިތުންގެ ޖީބަށް ނުކަތާ މިންވަރަށް ތަކެތީގެ އަގު އުފުލި، އާމްދަނީ އިތުރުނުވާއިރު، ސަރުކާރުން ހަގީގީ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އިހުމާލުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ