ލޯންގް ވީކެންޑްތަކާ ދިމާކޮށް ސަރުކާރުގެ މުވައްޒަފުން ސަލާން ބުނާ އަދަދު އިތުރުކުރަން ފާހަގަވާ ކަމަށާއި ސަލާން ބުނަން ނުޖެހޭ ހާލަތްތަކުގައި ވެސް އެކަން ކުރާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުޖުތާޒު ވިދާޅުވީ ހަފުތާ ބަންދު ދިގުކޮށްލުމުގެ ގޮތުން ބުރާސްފަތި ދުވަހު ސަލާން ބުނާ މައްސަލަ ވަރަށް ގިނައިން ފާހަގަވާ ކަމަށެވެ. އެކި އުޒުރުތައް ދައްކައިގެން ވެސް އެ ދުވަހެއްގައި ނާދެވޭނެ ގޮތެއް ހޯދުމަށް އުޅޭކަން ފާހަގަކުރައްވަމުން މުޖުތާޒު ވިދާޅުވި ގޮތުގައި ސަރުކާރު ބަންދު ދުވަސްތަކާ ދިމާވުމުން ވެސް ބަންދު ދުވަސްތައް ގިނަކޮށްލުމުގެ ގޮތުން ބައެއް މުވައްޒަފުން ސަލާން ބުނެ އެވެ.
އެކަމަކު އޭނާ ވިދާޅުވީ މިހާތަނަށް ވެސް އެކަން ހުއްޓުވަން މާބޮޑު ކަމެއް ކުރެވިފައި ނުވަނީ އެކަމާ ގުޅިގެން އުސޫލެއް ނުވަތަ ގަވައިދެއް ނެތުމުން ކަމަށެވެ.
"... ވަރަށް ގިނައިން ދައްކާ ވާހަކައެއްތީ. ވަރަށް ގިނަ އިދާރާތަކުން ތި ވިދާޅުވާ ގޮތަށް ލޯންގް ވީކެންޑް ހެދުމަށް ބުރާސްފަތި ދުވަސް ސަލާން ނޫނިއްޔާ ޗުއްޓީއެއް، ކޮންމެވެސް ގޮތަކުން އެ ދުވަހު ނާދެވޭނެ ގޮތެއްވޭތޯ މުވައްޒަފުން މަސައްކަތް ކުރޭ. ތިއީ އެކަން ހިނގަމުންދާ ގޮތް،" ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ސީއެސްސީގެ ރައީސް ވިދާޅުވި އެވެ.
މުޖުތާޒު ވިދާޅުވީ އޮޮފީހަށް ސަލާން ބުނަން އޮންނަނީ ބަލިވެގެން ކަމަށް ވިޔަސް ބައެއް މުވައްޒަފުން ސަލާން ބުނަނީ ހެނދުނު ނުހޭލެވިގެން ނުވަތަ ކޮންމެވެސް އެހެން ކަމެއް އެ ދުވަހެއްގައި ކުރުމަށް ކަމަށެވެ.
"ސަލާން މި ބުނަނީކީ ކޮންމެހެން ސަލާން ބުނަންޖެހޭ ހާލަތެއްގައި ނޫން،" ކަންބޮޑުވުމާ އެކު އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި ފަހުން މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުގައިވާ ހާޒިރީ އެލަވަންސް ހިމެނެ އެވެ. އެހެންވެ، މުޖުތާޒު ވިދާޅުވީ އެ ދުވަހެއްގައި އޮފީހަަށް ހާޒިރު ނުވާ ނަމަ އެ އެލަވަންސް އިން ކެނޑޭނެ ކަމަށެވެ.
"ހާޒިރީ އެލަވަންސްގެ ސަބަބުން އެހާ ބޮޑު ހައްލެއް ނުލިބުނަސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ސީއެސްސީގެ ރައީސް ވިދާޅުވި އެވެ.
އެކަމަކު މުޖުތާޒު ވިދާޅުވި ގޮތުގައި ހާޒިރީ އެލަވަންސް ކެނޑުނު ނަމަވެސް ބައެއް މުވައްޒަފުން އޮފީހަށް ސަލާން ބުނެ އެވެ. އެހެންވެ، އެކަން ހައްލުކުރުމަށް އިތުރު ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހުން ސިވިލް ސާވިސް މުވައްޒަފުންނަށް ބަފަ ޓައިމެއް ވެސް ދީފައި ވަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށް މުޖުތާޒު ވިދާޅުވި އެވެ.
ބަފަ ޓައިމަކީ، ސިވިލް ސާވަންޓުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރު ނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓު ކުރުމަށް ދޭ ވަގުތެކެވެ. ހެނދުނު 8:00 ގައި ރަސްމީ ގަޑި ފެށޭއިރު އެ ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން 8:30 އާ ހަމައަށް ގަޑި ނުޖެހި އޮފީހަށް ދިއުމަށް ފުރުސަތު ލިބެ އެވެ.
އެފަދަ ލުޔެއް ދިން ނަމަވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހެނީ އެމީހަކު އޮފީހަށް ދާ ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަވަންދެންނެވެ.
ލޯންގް ވީކެންޑްތަކާ ދިމާކޮށް، އެކަށީގެންވާ ސަބަބެއް ނެތި ސަލާން ބުނާ މުވައްޒަފުން ގިނަ: މުޖުތާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ