ސްޕެއިންގެ އުފާފާޅުކުރާ ފްރޭމްގައި ހުންނެވުމުން ޓްރަމްޕާއި އިންފަންޓީނޯއަށް މަލާމާތް

ވޯލްޑް ކަޕްގެ ފައިނަލު މެޗަށް ފަހު، ޗެމްޕިއަން ސްޕެއިންއިން ތަށި އުފުލާލައި އުފާފާޅު ކުރި ފްރޭމަށް އަރާވަޑައިގަތުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެކުވެރިޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު ސްޕެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓްރަމްޕް ވަނީ ސްޕެއިންގެ އުފާފާޅުކުރުންތަކުގެ ތެރެއަށް ވެދެވަޑައިގަންނަވަން މަސައްކަތް ކުރައްވާފަ އެވެ.
ޓްރަމްޕް ޓީމާ އެކު ޕޯޑިއަމް ކައިރީގައި ހުންނަވަން އުޅުއްވުމުން އިންފަންޓީނޯ ވަނީ މަޑުމަޑުން އޭނާ އެ ސަރަހައްދުން ދުރަށް ގެންގޮސްފަ އެވެ. 
އެވަގތު ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ޓްރަމްޕާއި އިންފަންޓީނޯގެ ނަން ގޮވައި، ތުބުން ފުމެ މަލާމާތް ކޮށްފަ އެވެ. 
މިއީ މިދިޔަ އަހަރުގެ އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގައި ވެސް ޓްރަމްޕްގެ ފަރާތުން ފެނުނު ކަމެކެވެ. އެ ފަހަރު ޗެލްސީން ތަށި ހޯދުމުން ވެސް އޭނާ ވަނީ ކުޅުންތެރިންގެ އުފާފާޅުކުރުމުގެ ތެރެއަށް ވަދެވަޑައިގަންނަވަން މަސައްކަތް ކުރައްވާފަ އެވެ.
ރާއްޖޭ ގަޑިން އާދިއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބައްލަވާލެއްވުމަށްޓަކައި ޓްރަމްޕް ދަނޑަށް ވަޑައިގަތީ ރިޔާސީ ހެލިކޮޕްޓަރުގަ އެވެ. އޭނާ އިންނެވީ ވީއައިޕީ ބިއްލޫރި ކެބިންއެއްގަ އެވެ. އޭނާގެ އަރިހުގައި ސްޕެއިންގެ ރަސްގެފާނު ފެލިޕޭ އާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ އިތުރުން މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވެސް ތިއްބެވި އެވެ.
މެޗުގެ ކުރިން ދަނޑުގެ ބޮޑު ސްކްރީނުން ޓްރަމްޕް ދެއްކުމުން ވެސް ބައެއް ސަޕޯޓަރުން ތުނބުން ފުމެ މަލާމާތް ރައްދު ކުރި އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ދަނޑަށް އަރާވަޑައިގެންނެވުމުން ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން އަޑުގަދަ ކުރި އެވެ.
އެމެރިކާގެ ފަސްގަނޑުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލެއް ބެއްލެވަން، ވަޑައިގެންނވި އެ ގައުމުގެ ފުރަތަމަ ރައީސަކީ ޓްރަމްޕެވެ.
މީގެކުރިން 1994 ވަނަ އަހަރު އެމެރިކާގައި މުބާރާތް ބޭއްވިއިރު އޭރުގެ ރައީސް ބިލް ކްލިންޓަން ފައިނަލް މެޗަށް ވަޑައެއްނުގަންނަވަ އެވެ. އޭގެ ބަދަލުގައި އެ ފަހަރު ތަށި ހަވާލުކޮށްދެއްވީ އޭރުގެ ނައިބު ރައީސް އަލް ގޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ