ރާއްޖެއަށް ޒިޔާރަތްކުރި 73 ޕަސެންޓް ޓޫރިސްޓުންނަކީީ އަލަށް އައި މީހުން

ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 73 ޕަސެންޓް މީހުންނަކީ ފުރަތަމަ ޒިޔާރަތް ކުރި މީހުން ކަން ޓޫރިޒަމް މިނިސްޓްރީން ނެރުނު "މޯލްޑިވްސް ވިޒިޓާ ސާވޭ 2025" ގެ ނަތީޖާއިން ދައްކައިފި އެވެ. 
މިއަދު އާންމުކުރި މި ސާވޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 73 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އަށް އަލަށް ޒިޔާރަތްކުރިއިރު، 25 ޕަސެންޓް މީހުންނަކީ މީގެ ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ މީހުންނެވެ. ރާއްޖޭގައި ހޭދަކުރި ޗުއްޓީ އެއް ބަހުން ސިފަކޮށްދިނުމަށް އެދުމުން، އެންމެ ގިނަ ޓޫރިސްޓުން ބޭނުންކޮށްފައިވާ ބަހަކީ "ޗާލު" ނުވަތަ "ރީތި" މި ބަހެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މި ރިޕޯޓަކީ ޓޫރިސްޓުން ރާއްޖެއާ މެދު ދެކޭ ގޮތާއި، ދަތުރުފަތުރުގެ އާދަކާދަތަކަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި ޓޫރިސްޓުންނަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އޮތް އޮތުން އަދިވެސް އަންނަނީ ދަމަހައްޓަމުންނެވެ.
ސާވޭއިން ފާހަގަވި ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ޓޫރިސްޓުން އެންމެ ބޮޑަށް ދަމައިގަންނަ ސިފަ އެވެ. "ރީތި" މި ބަހުގެ އިތުރުން، "ހައިރާންކުރުވަނި"، "ހިތްފަސޭހަ"، "ސުވަރުގެއެއް ފަދަ" އަދި "އަމާން" ފަދަ ބަސްތަކުން ޓޫރިސްޓުން ވަނީ އެ މީހުންގެ ތަޖުރިބާ ސިފަކޮށްފަ އެވެ. މިއީ ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ސާފު ފަޅުތަކުގެ އިތުރުން ރާއްޖޭގެ މެހެމާންދާރީއަށް ޓޫރިސްޓުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަން ރިޕޯޓްގައި ފާހަގަކުރެ އެވެ. 
ރާއްޖެއަށް ޒިޔާރަތްކުރި ހަތަރުބައިކުޅަ ތިންބައި މީހުންނަކީ އަލަށް އައި މީހުން ކަމަށް ވީ ނަމަވެސް، ކޮންމެ ހަތަރު ޓޫރިސްޓަކުން އެކަކީ ތަކުރާރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރާ މީހެއްކަން ސާވޭއިން ދެއްކުމުން ހާމަވަނީ ރާއްޖެއިން ލިބޭ ހިދުމަތްތަކާ މެދު އެ މީހުން ހިތްހަމަޖެހޭ ކަމެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ހޭދަކުރާ އުފާވެރި ޗުއްޓީގެ ސަބަބުން ޓޫރިސްޜުން ތަކުރާރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރުމަށް ޝައުގުވެރިވެ އެވެ. 
މި ސާވޭއިން ދައްކާ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އެންމެ ބޮޑު ބޭނުމަކީ އަރާމުކޮށްލުމާއި ހަނީމޫން ދަތުރުތަކާއި ގޮނޑުދޮށުގެ ހިތްގައިމުކަން ތަޖުރިބާ ކުރުމެވެ. ގިނަ ޓޫރިސްޓުން ރިސޯޓުތަކުގައި މަޑުކުރުމަށް އިސްކަންދިން ނަމަވެސް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ދިރިއުޅުން ތަޖުރިބާކުރުމަށް ޝައުގުވެރިވާ ޓޫރިސްޓުންގެ މެދުގައި ގެސްޓް ހައުސްތަކުގެ މަގުބޫލުކަން ވެސް އިތުރުވަމުންދާ ކަމަށް ސާވޭ ދައްކަ އެވެ. 
ޓޫރިސްޓުން ތިބޭ ތަންތަނާއި ލިބޭ މެހެމާންދާރީ އާއި ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާ މެދު އެ މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ސާވޭ އިން ދައްކަ އެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއަކީ ޓޫރިސްޓުން އެ މީހުންގެ އާއިލާ އާއި ރައްޓެހިންނަށް ވެސް ޒިޔާރަތްކުރުމަށް ލަފާދޭނެ މަންޒިލެކެވެ. 
"މޯލްޑިވްސް ވިޒިޓާ ސާވޭ" އަކީ ޓޫރިސްޓުންގެ ޝައުގުވެރިކަމާއި ހިތްހަމަޖެހުމުގެ މިންވަރު އަދި ޓޫރިޒަމްގެ މިސްރާބު ހުރި ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މުހިންމު ދިރާސާއެކެވެ. މީގެ ސަބަބުން ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކަށާއި ޓޫރިޒަމްގެ ދާއިރާގެ އިސްފަރާތްތަކަށް، ހިދުމަތްތައް ފުޅާކުރުމަށާއި ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ