ލީވާނާއި ޝަހުޒާން ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު ފަށަނީ
ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ. ލީވާނާއި ޝަހްޒާންގެ ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު މާދަމާ ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވާއިރު، ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ދެ މީހުން ވެސް ވަނީ މިނިވަންވެފައެވެ. ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި ވަނީ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާދީ ނެރެފައިވާ އޯޑަރެއް ނޫން ކަމަށް ހައިކޯޓުގެ ބެންޗަކުން ފަހުން ކަނޑައަޅާފައިވެއެވެ. ލީވާނާއި ޝަހުޒާންގެ މައްސަލަ ބަލާ ހައިކޯޓުގެ ބެންޗުގައި ހިމެނެނީ، ފަނޑިޔާރު ހުސެއިން މަޒީދު، ދީބާނާޒް ފަހުމީ އަދި އިބްރާހީމް މާހިރުއެވެ. ގެގް އޯޑަރުގެ މައްސަލަ އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލިކޮށްލުން ރިވިއު ކުރި ބެންޗުގައި ދީބާނާޒް އަދި މާހިރު ހިމެނެއެވެ. އެ މައްސަލައިގައި އެ ދެ ފަނޑިޔާރުންގެ ރައުޔުވަނީ ތަފާތުވެސް ވެފައެވެ. ގެގް އޯޑަރާ ޚިލާފުވި މައްސަލައިގައި ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ޖަލަށްލުމަށް ހުކުމްކުރީ ސިއްރުން ބޭއްވި ޝަރީއަތެއްގައެވެ. 'ސަން' އަށް މައުލޫމާތު ދެއްވަމުން އޭރު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ ނޫސްވެރިން ވެސް ހައްޔަރުކޮށް ޖަލަށްލީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. އަދި ލީވާން ލީ 10 ދުވަހަށެވެ. ނޫސްވެރިން ޖަލަށްލި މައްސަލައިގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ