ގާޑިއޯލާ އަށް އިޓަލީގެ ކޯޗުކަން ދޭން ވާހަކަތައް ފަށައިފި

މިލާން (ޖުލައި 21) -  އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗަކަށް 10 އަހަރަށް ފަހު މެންޗެސްޓާ ސިޓީން ވަކިވި ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ ހަމަޖައްސަން، އޭނާއާ އެކު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން، (އެފްއައިޖީސީން) އިން މަޝްވަރާތައް ފަށައިފި އެވެ. 
ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އެ ގައުމުގެ ފުޓްބޯޅަ އަށް ގިނަ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ. 
ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި، އިޓަލީގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ، ޖެނާރޯ ގަޓޫސޯ ވަނީ އެ ޓީމުގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވެފަ އެވެ. އާ ލީޑަޝިޕާ އެކު، އިޓަލީގެ ގައުމީ ޓީމަށް ބަދަލުތައް ގެނައުމުގެ ކަންކަން ފަށާފައިވާއިރު، މަލްޑިނީ އާއި ލިއޮނާޑޯ، އެންމެ ބޮޑަށް ބޭނުންވަނީ ގާޑިއޯލާއާ އިޓަލީ ޓީމު ހަވާލު ކުރުމަށް ކަމަށް އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށްވާ ގަަޒެޓާ ޑެލޯ ސްޕޯޓްސް އިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. 
ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ސިޓީ އަށް ކޯޗުކޮށްދިން ގާޑިއޯލާ ވަނީ ގައުމީ ޓީމެއްގަައި ކޯޗިން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް މީގެ ކުރިން ފުޓްބޯޅައިގެ އެކި ފޯރަމްތަކުގައި ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފަ އެވެ.  އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަން ގާޑިއޯލާ އަށް ދޭން އިނގިރޭސި އެފްއޭ އިން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، އަނގަބަހުން އެއްބަސްވުމަކަށް އާދެވުނު ނަަމަވެސް، ގާޑިއޯލާ ނިންމީ އޭރު މެންޗެސްޓާ ސިޓީއާ އެކު އޮތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ. 
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަލްޑިނީ އާއި ލިއޮނާޑޯ، ދާދި ފަހުން ވަނީ ބާސެލޯނާ އަށް ގޮސް ގާޑިއޯލާއާ ބައްދަލުކޮށްފަ އެވެ. އަދި، ތިން ދުވަހުގެ މުއްދަތަށް ވާހަކަތައް ކުރިއަށްގެންގޮސް، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ގައުމީ ޓީމާ ގުޅޭގޮތުން، ގެންގުޅޭ ތަސައްވުރު ގާޑިއޯލާ އަށް ވަނީ ހިއްސާކޮށްފަ އެވެ. 
ރިޕޯޓްތައް ބުނާގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ގާޑިއޯލާ، މި ކަމާ ގުޅޭގޮތުން، ސީދާ ގޮތެއް ކަނޑައަޅާނެ އެވެ. 
އިޓަލީގެ އޮފާ އަށް ގާޑިއޯލާ ނޫނެކޭ ބުނެފިނަަަމަ، ދެން ފެޑެރޭޝަނުގެ ވިސްނުން ހުރީ، ރޮބާޓޯ މަންޗިނީ ނޫނީ އަންދްރޭ ޕިރްލޯއާ ޓީމު ހަވާލުކުރަން މަސައްކަތް ފެށުމަށެވެ. 
ވޯލްްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ އިޓަލީ އަށް އެންމެ ފަހުން ތިން ވޯލްޑް ކަޕްގައި ވެސް ވާދަނުކުރެ އެވެ. އެއީ، 2018 އާއި 2022 އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އިޓަލީ އަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމުތަކުގެ ތެެރެއިން މި ފަދަ ރެކޯޑެއް އޮތް ހަމައެކަނި ގައުމެވެ. 
އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވީ ޕްލޭއޮފުން ކުރިއަށް ނުދެވިގެންނެވެ. މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި އިތުރު ވަގުތު ގޯލު ޖަހައިގެންނެވެ.
ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ފީފާ ވޯލްްޑް ކަޕްގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ ނޮދަން އަޔަލެންޑް އަތުން މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ