ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފި
އޮރިޔާން ކާޑު ހުރި ކަމަށް ބުނެ, ބިރުދައްކައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހާގެ މައްސަލަ، ސުޕްރީމް ކޯޓުގައި ފަށައިފިއެވެ. ފުލުހުން މިދިޔަ އަހަރު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ބްލެކްމެއިލް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީއެވެ. ރެކޯޑްތައް ދައްކާ ގޮތުން، އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 19، 2024 ގައެވެ. https://sun.mv/224802 މި މައްސަލައިގައި ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ބްލެކްމެއިލްކުރުމުގެ ދައުވާ އުފުލިއެވެ. އެކަމަކު މިދިޔަ އޭޕްރީލް މަހު، އެ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން ވެސް ދައުލަތާ ދެކޮޅަށް މި މައްސަލަ ނިންމުމުން ދައުލަތުން އެންމެ ފަހުން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑު އެހުންތައް މިހާރު ފެށިފައިވާއިރު، މި މައްސަލަ ކުރިއަށްދަނީ އާއްމުކޮށް ހުޅުވައިނުލައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ބެލެވޭ ގޮތުގައި ގިނަވެގެން ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ކޯޓުން މި މައްސަލަ ނިންމާނެއެވެ. މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައި ވާއިރު، މެޖޯރިޓީ ފަނޑިޔާރުން ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެއީ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އަދި އިސްމާއިލް ޝަފީއުއެވެ. ރައުޔު ތަފާތުވި ފާތިމަތު ފަރުހީޒާގެ ސްޓޭންޑަކީ ދަށު ކޯޓުގެ ނިންމުން ބާތިލު ކުރުމެވެ. އެހެންކަމުން މެޖޯރިޓީ ފަނޑިޔާރުންގެ ރައުޔާއެކު، އެ މީހާ ހައިކޯޓުން ވެސް ސަލާމަތްވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ