ސްކޫލް ބަންދާ ދިމާކޮށް އެކި ގްރޫޕްތަކާއެކު 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމަށް 4،000 އަށްވުރެ ގިނަ ދިވެހިން ގޮސްފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
"މި ދުވަސްކޮޅު އެކި އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ ގިނަ. އެންމެންގެ ޙާލު ވެސް ރަނގަޅު،" މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ޝަހީމް ވިދާޅުވި އެވެ.
ދިވެހި އެކި ގްރޫޕްތައް މެދުވެރިކޮށް އުމްރާގެ އަޅުކަން އަދާކުރަން މި މަސް ތެރޭގައި ޕެކޭޖުތައް ހުރީ 27،000ރ. އާއި 30،000ރ. އާ ދެމެދުގަ އެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުމުގެ އިތުރުން އެކި ޓުއާ ދަތުރުތައް ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ކޮންމެ ސްކޫލް ބަންދަކާ ދިމާކޮށްވެސް އެތައް ހާސް ދިވެހިންނެއް އުމްރާގެ އަޅުކަން އަދާކުރަން ދެ އެވެ. އެގޮތުން ނިމިދިޔަ ސްކޫލް ބަންދުގައިވެސް އެތައް ހާސް ދިވެހިންނެއް އުމްރާގެ އަޅުކަން އަދާކުރަން ދިޔަ އެވެ.
ނިމިދިޔަ ހައްޖު މޫސުމުގައި ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން 1،000 މީހުން ސައުދީއަށް ދިޔަ އެވެ.
ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ