ވޯލްޑްކަޕް އިން ފީފާ އަށް ރެކޯޑް މިންވަރެއްގެ އާމްދަނީއެއް!

އެމެރިކާގެ ނިއު ޔޯކް ނިއު ޖާރޒީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއިއެކު މި މުބާރާތް ވެގެންދާނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އިންތިޒާމް ކުރާ މި މުބާރާތުގެ ތާރީޚުގައިވެސް މިހާތަނަށް މާލީ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ފީފާ އަށް ލިބިގެންދާނެ މުބާރާތަށެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ އާމްދަނީގެ ގޮތުގައި އޭރު އެ މުބާރާތުން 7.6 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ފީފާއަށް ލިބުނުއިރު އޭރު އެއީ ވޯލްޑްކަޕްގެ ރެކޯޑް އާމްދަނީ އެކެވެ. ނަމަވެސް 48 ޓީމު ފުރަތަމަ ފަހަރަށް ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އާމްދަނީ ވަނީ 13 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފަ އެވެ.
ފީފާ ވޯލްޑްކަޕްގައި އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދަނީ ބްރޯޑްކާސްޓިން ރައިޓްސް އާއި ސްޕޮންސަރޝިޕްގެ އިތުރުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިންނެވެ. އެގޮތުން ބްރޯޑްކާސްޓިން ރައިޓްސްގެ ގޮތުގައި 3.9 އާއި 4.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފީފާއަށް ލިބިގެންދާނެ އެވެ. އަދި ސްޕޮންސަރޝިޕްގެ ގޮތުގައި 2.8 ބިލިއަން ޑޮލަރު ލިބިގެންދާއިރު މެޗު ޓިކެޓުތައް ވިއްކައިގެން ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވޯލްޑްކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް ބަދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ވޯލްޑްކަޕް އިން ފީފާގެ ކުރިއަށް އޮންނަ ހަތަރު އަހަރުގެ ޚަރަދުތައް ހޯދުމެވެ. އަދި މި ފައިސާއިން ފީފާ އިން ދަނީ އެ އިދާރާގެ މެމްބަރު ގައުމުތަކަށްދޭ ފައިސާގެ އަދަދުވެސް އިތުރުކޮށްފަ އެވެ.
މިރޭ މި ކުޅެވޭ ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގު ތިރީސް ދެ ހާސް ޑޮލަރަށް ފީފާ އިން ވިއްކި ނަމަވެސް ބައެއް ފަރާތްތްކުން ފައިނަލް މެޗުގެ ޓިކެޓްތައް 2 މިލިއަން ޑޮލަރަށްވެސް ވަނީ ވިއްކާފަ އެވެ.
ފީފާ ވޯލްޑްކަޕްގައި މި ފަހަރު ވާދަކުރި 48 ޓީމަށް ޖުމްލަ 655 މިލިއަން އެމެރިކާ ޑޮލަރު ފީފާ އިން ބެހުމަށް ވަނީ ނިންމާފަ އެވެ. މުބާރާތުގައި ބައިވެރިވެ ގްރޫޕް ސްޓޭޖުން ކެޓީ ޓީމުތަކަށް 10 މިލިއަން ޑޮލަރު ލިބިގެންދާއިރު, ދެވަނަ ބުރަށް ދަތުރުކުރި ކޮންމެ ޓީމަކަށް 12 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ގަދަ 16 އަށް ކޮލިފައިވި ޓީމުތަކަށް 16 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާއިރު ކުއާޓަރ ފައިނަލަށް ކޮލިފައިވި ޓީމުތަކަށް 20 މިލިއަން ޑޮލަރު ލިބޭނެ އެވެ. ވޯލްޑްކަޕްގެ ހަތަރުވަނަ އަށް ދާ ޓީމަކަށް 28 މިލިއަން ޑޮލަރު ލިބިގެންދާއިރު ތިންވަނަ ޓީމަށް 30 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ލިބިގެންދާނެ އެވެ. މީގެ އިތުރުން ރަނައަޕް ޓީމަށް 34 މިލިއަން ޑޮލަރު ލިބޭއިރު ޗެމްޕިއަންކަން ހޯދާ ޓީމަކަށް 51 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ފީފާއިން ދޭނެ އެވެ.
ދުނިޔޭގެ ތަށްޓަށް ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ދޭ ޓްރޮފީ އަކީ 18 ކެރަޓްގެ ރަނުން ޖަރީކޮށްފައިވާ ބަރުދަނުގައި 13.5 ކިލޯ ހުންނަ އަގުހުރި ޓްރޮފީ އެކެވެ. މި ޓްރޮފީ ހެދުމަށް ފަސް ކިލޯގެ ރަން ބޭނުންކޮށްފައިވާއިރު, ޓްރޮފީގެ އަގަކީ ހަތް ލައްކަ ތޭރަ ހާސް އެމެރިކާ ޑޮލަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ