ވ. އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުން އެއްތަނަށް ބަދަލުކޮށްފި ނަމަ ލިބޭނެ މަންފާ މާބޮޑުވާނެ ކަމަށާއި ރައްޔިތުން އެދޭ ނަމަ އެފަސްކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވ. ކެޔޮދޫގައި ރޭ ވިދާޅުވެއްޖެ އެވެ.
އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ އާބާދީ މަދުވެ ވ. އަތޮޅު ބިކަވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި އެހެންވެ އެއްފަސްކުރަން ފެނޭތޯ ބެލުމަށްޓަކައި އަތޮޅުގެ ކައުންސިލަރުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަޝްވަރާއަކަށް ވާނީ އަތޮޅު ދިރުވުމަށް ކުރެވެން އޮތީ ކޮންކަމެއްތޯ؟ މިއަހާ ވާހަކައަކީ އަތޮޅެއް ދިރުވާނީ ކިހިނަކުންތޯއޭ. އަލުން އަބުރާ އުޖާލާ ރަންޒަމާނަކަށް ފުލިދު އަތޮޅު ގެނެވެން އޮތީ އަޅުގަނޑުމެންގެ ކޮން ސިޔާސަތެއް ކޮންގޮތެއްގައި ތަންފީޒު ކުރެވުނީމާތޯ؟" ނަޝީދު ވިދާޅުވި އެވެ.
އެއްފަސްކުރުމަށް ނުވަތަ އެއްތަނަކަށް ބަދަލުވުމަށް ވ. އަތޮޅު ރައްޔިތުން އެދޭ ނަމަ އެ ބަދަލުވާން ބޭނުންވާ ބަޔަކަށް އެކަން ކުރެވޭން ޖެހޭނެ ކަމަށާއި ސަރުކާރުގެ އާމްދަނީ އާއި ސަރުކާރުގެ ފުއްދުންތެރިކަމަށް ބަލާއިރު އެކަން ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގިނަވެގެން މި ދައްކަނީ 300 އެއްހާ ގެ ތަނެއްގައި އަޅާ ވާހަކަ. އަދި އެއާގުޅޭ މަގާއި މަދަރުސާ އާއި ހޮސްޕިޓަލާއި އެހެން ތަންތަންވެސް ހަދާ ވާހަކަ. އަދި އޭގެ އިތުރުން ގެސްޓް ހައުސްގެ ސަރަހައްދަށް ވެސް މަދުވެގެން 500 ގެސްޓުން އަބަދުވެސް ތިބޭނޭ އޮންނަ ސަރަހައްދަކާއި އެކީގައި އުފައްދާ އާބާދީއެއް. ގެސްޓްހައުސްގެ ވިޔަފާރިއާ އެކުގައި އަޅުގަނޑުމެން ދެކޭ ގޮތުގައި މި ފުލިދު އަތޮޅުގެ 1500 އެއްހާ މީހުންނަށް ރަގަޅު ދިރިއުޅުމެއް ހޯދި ދާނެ،" ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ މަސްދުވަހަކީ ރާއްޖޭގެ ހަޔާތުގައި މުހިއްމު ދެ މަސް ކަމަށާއި އެ ދެ މަސް ދުވަހުގެ ތެރޭގައި ސިޔާސީ ވެރިން ރައްޔިތުންނަށް ހުށަހަޅައިދޭންވީ އެ ޕާޓީތަކުގެ ސަރުކާރެއްގައި ކަން ހިނގާނޭ ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީ މި އަންނަނީ އެމްޑީޕީގެ ސިޔާސަތުތައް ހުށައަޅަމުން. އަޅުގަނޑުމެންނަށް ނުފެންނަނީ އެހެން ޕާޓީތަކުން އެ ޕާޓީތަކުގެ ސިޔާސަތުތައް ހުށައަޅާތަން. އިނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ވާދަވެރިންގެ އެންމެ އަތްމަތީ ބަހަކީ ދިގު މުއްދަތަށް ޖަލަށްލުން. އަޅުގަނޑުމެންގެ ވާދަވެރިންގެ އެންމެ އަތްމަތީ ބަހަކީ އެމްޑީޕީއަށް ވެރިކަން ނުލިބޭނޭ ގޮތެއް އެ މީހުން ހެދުން. އެ ބޭފުޅުން ވެރިކަން ހޯދާނޭ ގޮތެއް ހޯދުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބު ކުރާނީ "ފުޅާ ކޯއަލިޝަނާ އެކީގައި ކިހިލިޖަހައިލައިގެން" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުން އެދޭނަމަ ވ. އަތޮޅު އެއްފަސްކުރެވޭނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ