އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅު އެޅުން ހުއްޓުވުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލް ކުރުމުން ޖޭއެސްސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކުރީ އެ މައްސަލަ އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ޖޭއެސްސީގެ ނިންމުން ސިވިލް ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހެޅިކަން ޖޭއެސްސީގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގަތްކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާ ގުޅޭގޮތުން ދިޓީވީގައި އަބްދުﷲ ގާޒީ ދެއްކެވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. ނަމަވެސް އަބްދުﷲ ގާޒީ އެހެން ވިދާޅުވިކަން ސާބިތުވާވަރުގެ ކާފީ ހެއްކެއް ނެތް ކަމަށް ބުނެ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތާއި ގާޒީ އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުން ވަނީ ޖޭއެސްސީން ނިންމުން ބާތިލްކޮށްފަ އެވެ.
އަބްދުﷲ ގާޒީއާމެދު ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ހާޒިރުކުރުމުން އޭނާ ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން އެ ކޮމިޝަނުން "ކެތްމަދުވެފައިވާ" ކަމަށެވެ. އަދި އެކަން ނުކުރެވި ވަނީ ސިވިލް ކޯޓުގެ އަމުރުގެ ސަބަބުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ