މަޖިލީހުގެ ރައީސް ޝާހިދު އިސްތިއުފާ ދެއްވުމަށް ގާސިމް ގޮވާލައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އަމާން މާހައުލެއް ގާއިމްކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި މިއަދު ފެށި މަޝްވަރާތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިނުގަންނަވާތީ މިހާރުން މިހާރަށް އޭނާ އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ގޮވާލައްވައިފި އެވެ.މަޖިލީހުގެ ރައީސް ޝާހިދުގެ އެދިވަޑައިގަތުމަކަށް ރައީސް އޮފީހުގައި މިއަދު ހެނދުނު 11:00 ގައި ފެށި މަޝްވަރާތަކުގައި ޝާހިދު ބައިވެރިވެރިވެ ވަޑައިނުގަންނަވާތީ ގާސިމް ވިދާޅުވީ އެ ބައްދަލުވުމަށް ޝާހިދު ވަޑައިނުގަތުމުން އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތީ މަޖިލީހުގެ ރައީސް ކަންބޮޑުވެ ވަޑައިނުގަންނަވާކަން އެނގިއްޖެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ."އަޅުގަނޑު ދަންނަވާނީ މަޖިލީހުގެ ރައީސް މިހާރު އިސްތިއުފާ ދެއްވާށޭ. ރައްޔިތުންގެ ހައްގުގައި އޭނާ ކުޅޭކުޅޭ ބުޅަލަކަށް ހަދައިގެން މުޅި މުއައްސަސާގެ އަގު ވައްޓާލައި، މުޅި ތަން ހަލާކުކޮށްލަން އެކަން އެ ގޮތަށް ނުކުރައްވާށޭ. އަވަހަށް މިހާރުން މިހާރަށް ]މަޖިލީހުގެ ރައީސް[ އިސްތިއުފާ ދެއްވާށޭ،" ރައީސް އޮފީހުގައި ބޭއްވި ގަޑިއެއްހާއިރުގެ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން )ޑީން( އެވެ. މީގެ އިތުރުން ބައްދަލުވުމުގައި ދެން ބައިވެރިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ޕީޕީއެމްގެ ފަރާތުން ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ޑީއާރުޕީން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ އަބްދުﷲ މައުސޫމާއި ގައުމީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނާއިބު ރައީސް ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު އަދި ޕީއޭ އިން ކިނބިދޫ ދާއިރާގެ މޫސާ ޒަމީރެވެ.މަޝްވަރާތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިހުލާސްތެރިކަމެއް ހުރި ނަމަ "އޭނާ މިތާނގައި ހުންނަންޖެހޭނެ" ކަމަށެވެ. އަދި ގާސިމް ވިދާޅުވި ގޮތުގައި މަޖިލިސް ހުއްޓާލާފައި ބޭއްވުމުގެ އެއްވެސް ބާރެއް މަޖިލީހުގެ ރައީސަކަށް ވެސް ނޯންނާނެ އެވެ.މި މަޝްވަރާތަކުގައި މިއަދު ނަތީޖާއެއް ހާސިލުނުވި ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާތައް ކުރައްވައިފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ބޭނުންވާ ކަންކަން ވެސް މި މަޝްވަރާތަކަށް ހުށަހެޅުއްވި ކަމަށް އެ ޕާޓީ ތަމްސީލުކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ކަންކަމާ މެދު ރައީސް ވަހީދާ މަޝްވަރާކުރައްވާފައި ޖަވާބެއް ދެއްވާނެ ކަމަށް ނާއިބު ރައީސް ޑީން ވިދާޅުވި ކަމަށް އަލީ ވަހީދު ނޫސްވެރިން ގާތު މިއަދު ވިދާޅުވި އެވެ.ބައްދަލުވުމަށް ފަހު އަލީ ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އަލީ ވަހީދު ވިދާޅުވީ މަޝްވަރާތަކުގައި އޭނާ އަށް އިންނަވަން ޖެހިވަޑައިގަތީ ސަރުކާރުގެ ފަސް ވަރަކަށް ބޭފުޅުންގެ ޖަޒުބާތުތައް އަޑުއައްސަވަން ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އެމްޑީޕީ އަށް ނިސްބަތްކޮށް "ބާޣީ" އަށް ގޮވި ނަމަވެސް އެފަދަ ބަހެއް ވިދާޅުނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ )ކޯނީ( އިން މި މަހުގެ 30 ގައި އާންމުކުރާ ރިޕޯޓާ މެދު ސަރުކާރުން އަމަލުކުރާނެ ގޮތަކަށް އެމްޑީޕީން އެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."މިސާލަކަށް ސާފުކޮށް ބަޣާވާތެއްގެ ގޮތުގައި ރިޕޯޓުގައި އޮތިއްޔާ އަޅުގަނޑުމެން އެއްވެސް މަޝްވަރާއަކާ ނުލައި ރައީސް ނަޝީދު ރީއިންސްޓޭޓް ކުރެވެންވާނެއޭ. އެއީ އަޅުގަނޑުމެންގެ ޕޮޒިޝަނަކީ. އެއީ މަޝްވަރާކުރެވޭނެ ޖާގަ އޮތް ކަމެއް ވެސް ނޫނޭ. ދެ ވަނަ ގޮތަކީ ބަޣާވާތެއް ނޫން ކަމަށް ނިމުން. ނުވަތަ އެއްވެސް މައްސަލައެއް ނެތި ބަޣާވާތެއް ނޫން ކަމަށް ނިންމުން ވަރަށް ސާފުކޮށް. އެއީ ގާނޫނު އަސާސީގައި އޮތް ގޮތަށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް ސާފުކޮށް ދިޔަ ކަމެއް ކަމަށް ވަނީ ނަމަ ދެން އަޅުގަނޑުމެން ވެސް މި ތިބީ އަޅުގަނޑުމެންގެ ރިއާސީ އިންތިހާބު، ގާނޫނު އަސާސީގައި ބުނާ އިންތިހާބަށް ތައްޔާރަށޭ،" އަލީ ވަހީދު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ފެބްރުއަރީ 7 ގައި ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ނޫން ކަމަށް ބުންޏަސް، ދެ ފަރާތުން ވެސް ޖިނާއީ ކުށްތަކެއްކޮށްފައިވާ ނަމަ ވަގުތުން ފިޔަވަޅު އެޅެންވާނެ ކަމަށެވެ. އެ ގޮތުން އޭގެ ތެރެއިން ބަޔަކު ސަރުކާރުގެ މަގާމުތަކުގައި ތިބި ނަމަ ވަގުތުން އިސްތިއުފާދޭން ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ މަޝްވަރާތަކަށް އެމްޑީޕީން ދިޔައީ "މަޖިލިސް ކުރިއަށް ގެންދާ ވާހަކަ ދައްކާކަށް ނޫން" ކަމަށާއި އެ ޕާޓީން ދެއްކީ ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ވަނީ ނަމަ ނަޝީދާ ވެރިކަން ހަވާލުކުރުމުގެ ވާހަކަތައް ކަމަށެވެ. އަދި ގާސިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިއުމުގެ ވާހަކަ ދައްކަން ޖުމްހޫރީ ޕާޓީން ދެން ރައީސް އޮފީހަށް ނުދާނެ ކަމަށާއި މަޖިލީހުގެ ވާހަކަތައް ދައްކާނީ މަޖިލީހުގައި ކަމަށެވެ. އެކަމަކު އަނެއްކާ ވެސް ރައީސުލްޖުމްހޫރިއްޔާ އެފަދަ މަޝްވަރާއަކަށް ގޮވާލައްވައިފިއްޔާ އެއާ މެދު ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ."އެކަމަކު މިހާރު މި އޮތް ގޮތަށް އެމްޑީޕީން ބޭނުންވާ ގޮތަށް ވާހަކަ ދައްކާކަށް، އެހެން ވާހަކަތަކެއް ދައްކާކަށް އަޅުގަނޑުމެން މިތަނަށް އަންނާކަށެއް ނެތީމޭ ޖުމްހޫރީ ޕާޓީއަކުން،" ގާސިމް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.އަލީ ވަހީދު ވިދާޅުވީ އެންމެންނަށް އެއްބަސްވެވޭ ހައްލެއް ލިބެންދެން "އަޅުގަނޑުމެން ތިބޭނީ އިހުތިޖާޖުގައި" ކަމަށް މަޝްވަރާތަކުގައި ދެންނެވި ކަމަށެވެ. އަދި މަޖިލީހުގެ ރިއާސަތުން ޖަލްސާއަކަށް ގޮވާލައްވައިފި ނަމަ ޖަލްސާ އަށް އެމްޑީޕީން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ މަސްރަހު ހައްލުކުރުމަށް ގޮތެއް ހޯދުމަށް މިދިޔަ ހަ މަސް ދުވަހު ސިޔާސީ ފަރާތްތައް ނުކުޅެދިފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ."އެހެންވެއްޖިއްޔާ ކޯނީގެ ރިޕޯޓާ ގުޅުވާފައި، އޭގެ ނިންމުންތަކާ ގުޅުވާފައި ހިނގާށޭ ސްމޫތު ހައްލެއް ހޯދަން. ދެން އަޅުގަނޑަށް ހީވަނީ ޒިންމާދާރު ސިޔާސީ ވެރިން ބަލައިގަންނަން އުނދަގޫ ވާހަކަތަކެއް ނޫންހެން މިއީ،" އޭނާ ވިދާޅުވި އެވެ.އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ރައީސް "އުފައްދަވައިދެއްވި މޭޒަކީ ގޯސް މޭޒެއް ނޫން" ކަމަށެވެ. އަދި ޝާހިދު މަގާމުން ވަކިކުރުމަށް ސަރުކާރު ފަޅިން ބައެއް މެމްބަރުން ވިދާޅުވިޔަސް ވޯޓަކާ ހަމައަށް ދިއުމުން ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދި މަޖިލީހުގައި ބޭއްވި ބައެއް ބައްދަލުވުންތަކަށް މަޖިލީހުގެ ރައީސް ޝާހިދު ވަޑައިގަތުމުން ވެސް ގޯސްވެފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ