ރަށްރަށަށް ބޭނުންވާ ފިޓްނެސް ސާމާނު އިންޑިއާއިން ހިލޭ ހޯދަނީ

ރާއްޖޭގެ 42 ރަށެއްގެ ޒުވާނުންގެ މަރުކަޒުތަކަށް ނުވަތަ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު އިންޑިއާއިން ހިލޭ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުގެ ފަރާތުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެކަން ކުރަން ދެ ގައުމުގެ ފަރާތުން މިއަދު ފަހުމުނާމާއެއްގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - ފޮރިން މިނިސްޓްރީން ބުނީ މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ. އެގޮތުން:
ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް 
އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން 
މި މަޝްރޫއު ތަންފީޒުކުރާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު 
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިރުތިޝާމް ވިދާޅުވީ މި ސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
"މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަކަމާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އިރުތިޝާމް އާއި ރާފިއު ވެސް އިންޑިއާ ސަރުކާރުން ދޭ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ