އިންޑިއާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް، 25 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރާއި އިރުއުތުރުގެ ސަރަހައްދުތަކަށް މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަދުވެގެން 25 މީހުން މަރުވެއްޖެ އެވެ.
ކުރިއަށް އޮތް ހަފުތާގައި ވެސް ބޯކޮށް ވާރޭވެހުން ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިންޒާރު ކުރަމުންނެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، އިންޑިއާއިން ބަލަހައްޓާ ކަޝްމީރުގެ ޕޫންޗު، ރާޖޫރީ އަދި ޑޯޑާ ޑިސްޓްރިކްޓްގައި ވާރޭވެހުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 15 މީހުން މަރުވެފައިވެ އެވެ. އަދި ނާގަލޭންޑްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 9 މީހުން މަރުވެފައިވާއިރު، އަސާމްގައި ފެންބޮޑުވުމުގެ ސަބަބުން އެކަކު ވަނީ މަރުވެފަ އެވެ. އަސާމްގެ ހަތް ޑިސްޓްރިކްޓެއްގެ 57،000އަށް ވުރެ ގިނަ މީހުންނަށް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް 6 އާއި 7 ދުވަހުގެ ތެރޭގައި އިންޑިއާގެ ހުޅަނގު އުތުރާއި އިރުމައްޗާ އަދި އިރުއުތުރު ސަރަހައްދުތަކަށް މޫސުމީ ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ދެމިއޮތުން އެކަށީގެންވެ އެވެ.
އަވަށްޓެހި ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މިދިޔަ މަހުގެ މެދުތެރޭގައި މޫސުމީ ވިއްސާރަ ފެށުނު ފަހުން މިހާތަނަށް 27 މީހުން ވަނީ މަރުވެފަ އެވެ. އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބޮޑެތި ހައިވޭތައް ބަންދުވެފައިވާއިރު، މީގެ ތެރޭގައި ކަތަމަންޑޫ އާއި ދެކުނުގެ ބިންތަކާ ގުޅާލަދޭ މައި މަގު ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ