ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރަން ހަމަޖެހިފައިވަނީ ދެ ކުޅިވަރެއްގައި ކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިއުލާނުކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރަނީ އެތުލެޓިކްސް އާއި ސްވިމިން އިންނެވެ.
MU STORE
Enterprise Development Industrial Pvt Ltd
Villa College
MU STORE
Yes Maldives Pvt Ltd
އެ ގޮތުން، ސްވިމިން އިން ވާދަކުރާ އެތުލީޓުންނަކީ، އަމްނާ ތަޒްކިޔާ މިރުސާދު، މެރާލް އައިން ލަތީފް، މުހައްމަދު ރިހާން ޝިހާމް، ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު އާން ހުސެއިން އެެވެ. މީގެ ތެރެއިން، ރިހާން އާއި އާން ވަނީ މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފަ އެވެ.
އެތުލެޓިކްސް އިން މި ފަަހަރުގެ ކޮމަންވެލްތު ގޭމްސްގައި ފެނިގެންދާނެ ރާއްޖޭގެ އެތުލީޓުންނަކީ، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަހުމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ލަޔާނާ މުހައްމަދު، އާދަމް ރިއްފަތު، ހަސަން ސާއިދު އަދި ހުސެއިން ޒީކް ސުއާދު އެވެ.
މީގެ ތެރެއިން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވަނީ، 2022 އާއި 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރެއިން، 2014 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ވެސް ސާއިދު އެެވެ.
އަދި، ލަޔާނާ ވަނީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. އަހްނާ، ކޮމަންވެލްތު ގޭމްސް އަށް ދާނީ އެމެރިކާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ދުނިޔޭގެ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށްފަ އެވެ.
ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަން އަކީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް، ފަޒްނާ ޖަލީލް އެވެ.
މިއީ، މެދުކެނޑުމަކަށް ފަހު، ރާއްޖޭން ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ކޮމަންވެލްތު ގޭމްސް އެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅި އެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެ އެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ކޮމަންވެލްތާ ގުޅުމަކީ، މިދިޔަ ސަރުކާރުގެ ރައީސް އިބްރާހިމް މުއްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.
އޭގެ ފަހުން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރި އެވެ. އެ ފަހަރު ރާއްޖޭން ވަނީ ސްވިމިން، އެތުލެޓިކްސް، ބީޗްވޮލީ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އިން ވާދަކޮށްފަ އެވެ. އެކަމަކު، މި އަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ސްވިމިން އާއި އެތުލެޓިކްސް އިން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ މައުލޫމާތު ދީފަ އެވެ.
އޮސްޓްރޭލިއާގެ ސްޓޭޓް އޮފް ވިކްޓޯރިއާގަައި މި ފަަހަރުގެ ކޮމަންވެލްތު ގޭމްސް ބޭއްވެން ނެތް ކަމަށް ނިންމުމުން، ކޮމަންވެލްތުން ގޭމްސް ހޯސްޓްކުރަން ސްކޮޓްލެންޑުން ނިންމީ އެވެ. ކޮމަންވެލްތު ގޭމްސް އަލުން ގްލާސްގޯ އަށް މި އަންނަނީ 12 އަހަރަށް ފަހު އެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ދެ ކުޅިވަރަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ