އައްސޭރި ޖަލުގައި ޤިރާޢަތު ކޯސް ފަށައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 35 ޤައިދީން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އައްސޭރި ޖަލުގައި ތިބި 31 ޤައިދީންނާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިބި 4 ކުޑަކުދިންނެވެ.
މިއީ މީގެ ފަސް އަހަރު ކުރިން ފެށިގެން އެ ޖަލުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މެދުކަނޑާލަން ޖެހުނު މި ޕްރޮގްރާމް، އަލުން ފަށާފައިމިވަނީ ދިގު މުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.
މީގެކުރިން މި ކޯސްތައް ކުރިޔަށް ގެންދިޔައީ، ބޭރުގެ އެކި އިންސްޓިޓިއުޓުތަކާ ގުޅިގެންނެވެ. ނަމަވެސް މިފަހަރުގެ ކޯސް ކުރިއަށް ގެންދަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމިއްލަ ތަޢުލީމީ މަރުކަޒު ކަމަށްވާ "އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް" (އައިކޯސް) އިންނެވެ.
މި ކޯހަކީ، ޤައިދީން އިސްލާހުކޮށް، އަލުން މުޖުތަމައަށް ނުކުންނައިރު ދީނީ ކަންކަމަށް ލޯބިކުރާ ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤުސަދުގައި ކުރިޔަށްގެންދާ ކޯހެކެވެ. މި ސަރުކާރުން އަންނަނީ، ޖަލުތަކުގައި ތިބޭ މީހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ