42 ރަށެއްގައި ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދަން އިންޑިއާއާ އެކު އެއްބަސްވުމެއް

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު މެންދުރު ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، މި ސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވާނެ ކަމަށް ވިދާޅުވި އެވެ.
މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ. 
މިނިސްޓަރު ރާފިއު ވިދާޅުވީ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދެ މިނިސްޓަރުން ވެސް ވަނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ފޯރުކޮށްދޭ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެއީ ދިވެހި މުޖުތަމައުއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއް ކަން ފާހަގަކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ