މިރޭ ދަންވަރު އޮންނަ ވޯލްޑް ކަޕް ފައިނަލް މެޗުގެ ފޯރީގައި އުފާ ފާޅުކުރުމުގެ ގޮތުން ސައިކަލު ބުރު ޖެހުމާއި އަޑުގަދަކޮށް އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރަން ދިވެހި ފުލުހުންގެ ފަރާތުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުޓުބޯޅައިގެ ވަރުގަދަ ދެ ޓީމު ކަމުގައިވާ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ވާދަވެރި ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. މެޗު ނިމޭއިރު، ދޭއް ޖަހާ ބޮޑުވެދާނެ އެވެ.
މި ވޯލްޑް ކަޕް ކުރިއަށް ދިޔައިރު:
ހާއްސަކޮށް އާޖެންޓީނާ ކުޅުނު މެޗުތަކަށް ފަހު، މާލޭގައި އުފާ ފާޅުކުރުމުގެ ގޮތުން ސައިކަލު ބުރު ޖެހުމާއި ހިނގާލުންތައް އޮތް. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީ ސަޕޯޓަރުން ވެސް ހިމެނޭ
ފުލުހުން ވަނީ މިރޭ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް، އެފަދަ އަމަލުތައް ނުކުރަން އިލްތިމާސްކޮށްފައި
ތަފްސީލު - ފުލުހުން ކުރި ޕޯސްޓުގައި ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތަކަށް ވުމާ އެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނެ ކަންކަމުން ދުރުހެލިވާން ހަނދާންކޮށްދޭ ކަމަށެވެ.
"އުފާ ފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް،" އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ:
އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލަމުން ދާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް އެދޭ ކަމަށް
މެޗު ނިމުމަށް ފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް
މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ
"އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދެއްވާށެވެ،" ފުލުހުން ބުންޏެވެ.
މިއީ ފުލުހުން މިފަދަ އިލްތިމާސެއް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ސެމީ ފައިނަލްގައި އާޖެންޓީނާ އާއި އިންގްލޭންޑް ކުޅުނު މެޗް އޮތް ރޭ ވެސް ފުލުހުން މިފަދަ އިލްތިމާސެއް ކުރި އެވެ.
ފައިނަލް މެޗްގެ ފޯރީގައި އަމާންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރަން ފުލުހުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ