މޫސުމީ ވިއްސާރާގައި އިންޑިއާއިން 19 މަރު

އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 19 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން އިއްޔެ ބުނެފި އެވެ.
އާދީއްތަ ދުވަހު ހިނގި މި ހާދިސާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ ގެއްލުންވި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
މިޔަންމާއާ އިންވެގެން އޮންނަ އިންޑިއާގެ އިރުއުތުރު ނާގަލޭންޑުން މީހުން މަރުވެފައިވާއިރު، އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އާއި ކަޝްމީރުން 11 މީހުން ވަނީ މަރުވެފަ އެވެ.
"މަރުވި އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާއިރު، ސަލާމަތީ މަސައްކަތްތައް އަދިވެސް ކުރިއަށް އެބަ ދޭ،" ނާގަލޭންޑުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަދުވެގެން 15 މީހަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ.
ޖައްމޫ އާއި ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުالله ވަނީ ޖައްމޫ ސަރަހައްދުގެ ރާޖޫރީއަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައިފަ އެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގެ ސަބަބުން އާންމުންގެ އަދި އަމިއްލަ ފަރާތްތަކުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 
އިންޑިއާގެ  އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖައްމޫއިން މަދުވެގެން 11 މީހުން މަރުވެ، "އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައި" ވެ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ސިފައިންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ޖައްމޫގެ ރާޖޫރީ ޑިސްޓްރިކްޓުން ފަސް ކުޑަކުދިން ހިމެނޭހެން 11 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.
އިންޑިއާ މީޓިއޮރޯލޮޖިކަލް ޑިޕާޓްމަންޓުން އާދީއްތަ ދުވަހު އިންޒާރު ދީފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ޖައްމޫ އާއި ކަޝްމީރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ.
ދިގު ހޫނުމޫސުމަށް ފަހު އަންނަ މޫސުމީ ވިއްސާރައިގެ ދުވަސްވަރު ފެންބޮޑުވުމާއި އެއާ ގުޅުންހުރި ހާދިސާތައް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ވެސް ހިނގަ އެވެ. މީގެ އިތުރުން ގައުމުގެ ވަރަށް ގިނަ ހިސާބުތަކަށް ހޫނު މޫސުން ދިގުލައި، ފެނަށް ޖެހުމުގެ ހާލަތު ވެސް ކުރިމަތިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ