ނުފޫޒު ފޯރުވުމުގެ ވަސީލަތަކަށް ހޮރްމޫޒް ކަނޑުއޮޅި ބޭނުންކުރިޔަ ނުދޭން ގައުމުތައް ތެދުވަންޖެހޭ: އެމެރިކާ

މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމުގެ ތެރެއިން އީރާނުން ހޮމޫޒް ކަނޑުއޮޅި ބޭނުންކުރަނީ ނުފޫޒު ފޯރުވުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށާއި ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހެން ގައުމުތަކުން އީރާނަށް ފިއްތުން އިތުރުކުރަންޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
"އީރާނުން، ނުވަތަ އީރާނުގެ ބައެއް ފަރާތްތަކުން އެ ކަނޑުއޮޅި ކޮންޓްރޯލްކޮށް، މުޅި ދުނިޔެއަށް ނުފޫޒު ފޯރުވުމުގެ ވަސީލަތެއްގެ ގޮތުގައި އެތަން ބާއްވަން ބޭނުންވާކަން ސާފުވާން އެބައޮތް،" ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ (އާސިއާން) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިލިޕީންސަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވި އެވެ.
"ދުނިޔޭގެ ކަނޑުދަތުރުފަތުރު ސަލާމަތަށްޓަކައި އެމެރިކާއިން ކުރަންޖެހޭ ކަންކަން ކުރާނެ، އަދި ކުރިއަށްއޮތް ތަނުގައި ވެސް ކުރަމުންދާނެ. ނަމަވެސް، އެ ބުރަ އުފުލުމުގައި އެހީތެރިވުމަށްޓަކައި، އެއީ ވަސީލަތްތަކުގެ ގޮތުން ކަމުގައިވިޔަސް ނުވަތަ މާލީ ގޮތުން ކަމުގައިވިޔަސް، އެހެން ގައުމުތަކުން ވެސް ކުރިއަށް ނުކުމެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބޮޑުވަމުންދާ މި ނުތަނަވަސްކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޑިޕްލޮމެޓިކް ފުރުސަތެއް އަދިވެސް އެބައޮތްތޯ ސުވާލުކުރުމުން ރޫބިއޯ ވިދާޅުވީ އަބަދުވެސް ޑިޕްލޮމެސީއަށް ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް އެއީ ހަގީގީ ހައްލަކަށް ވާންޖެހޭ ކަމަށެވެ. 
އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަލާތައް މެދުކަނޑާލުމުން ނާޒުކު އެއްބަސްވުން ރޫޅިގެންދިޔައީ، ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަން ބޭނުންކުރި މުހިންމު ބައިނަލްއަގުވާމީ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އީރާނުން ހަމަލާދިން ކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
"އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވަމުންދާ ނަމަ، އެ އެއްބަސްވުމެއް ދެމިއޮތް ކަމަކަށް ނުބެލެވޭނެ،" ރޫބިއޯ ވިދާޅުވި އެވެ.
"އަޅުގަނޑު ބުނަން އޮތް ވާހަކައަކީ، ސިޔާސީ ހައްލަކަށް އެމެރިކާއިން އަބަދުވެސް އޮތީ ތައްޔާރަށޭ. އީރާނާ އެކު އަޅުގަނޑުމެން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފިން، އަދި ކުރިއަށްއޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނެ."
ރޫބިއޯ މި ވާހަކަ ދައްކަވާފައި ވާއިރު ރޭ ވެސް އީރާނާއި އެމެރިކާއިން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީފައިވެ އެވެ. މިއީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހަމަނުޖެހުން ފެށުނު ފަހުން މެދު ނުކެނޑި ހަމަލާދިން ނުވަ ވަނަ ރެ އެވެ. އެމެރިކާއިން އީރާންގެ އަސްކަރީ ތަންތަނަށާއި އިންފްރާސްޓްރަކްޗާއަށް ހަމަލާ ދެމުން ދާއިރު އީރާނުން ގެންދަނީ ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ