މެޓާ އޭއައިގައި ދައްކާ ނުރައްކާތެރި ވާހަކަތައް ބެލެނިވެރިންނަށް އަންގާނެ ނިޒާމެއް ތައާރަފުކޮށްފި

މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް (މެޓާ އޭއައި) ބޭނުންކޮށްގެން ކުޑަކުދިން ނުވަތަ ފުރާވަރުގެ ކުދިން އަމިއްލައަށް ގެއްލުންދިނުމާ ނުވަތަ އަމިއްލަ ފުރާނައަށް ނުރައްކާވާ ފަދަ ވާހަކަތައް ދައްކާނަމަ، އެކަން އެކުދިންގެ ބެލެނިވެރިންނަށް އެނގޭނެ އާ ނިޒާމެއް މެޓާއިން ތައާރަފުކޮށްފިއެވެ. މި އާ ފިޔަވަޅުތަކުގެ ދަށުން، އިންސްޓަގްރާމްގެ ސުޕަވިޝަން ޓޫލްސް ބޭނުންކުރާ ބެލެނިވެރިންނަށް، އެކުދިންގެ ޗެޓްތަކުގައި ނުރައްކާތެރި މައުޟޫއުތަކާ ގުޅޭގޮތުން ވާހަކަދެކެވޭނަމަ އެލާޓްތައް ލިބޭނެއެވެ. https://sun.mv/224140 މި ފީޗާ މިހާރު ވެސް އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާގައި ދިރިއުޅޭ ޔޫޒަރުންނަށް ލިބެން ހުރިއިރު، މިއަހަރު ނިމުމުގެ ކުރިން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިފީޗާ ފުޅާކުރެވޭނެ ކަމަށް މެޓާއިން ވަނީ ބުނެފައެވެ. އަދި ޚާއްސަކޮށް ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން މި ނިޒާމު ފަރުމާކޮށްފައިވާއިރު، އެފަދަ ޗެޓްތައް ބެލެނިވެރިންނަށް އެލާޓް ކުރުމުގެ ކުރިން މެޓާއިން މެނުއަލްކޮށް ރިވިއު ކުރާނެއެވެ. މީގެ އިތުރުން، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުސާސްވާ ހިނދު، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން އިމަޖެންސީ ޚިދުމަތްތަކާ ގުޅުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް މެޓާއިން ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރު ވެސް އަމިއްލަ ފުރާނައަށް ގެއްލުން ދިނުމުގެ ނުރައްކާ އޮތް 19،000 އަށްވުރެ ގިނަ މައްސަލަތަކުގައި މެޓާއިން ވަނީ ކަމާބެހޭ ފަރާތްތަކަށް ރިފަރަލްތައް ފޮނުވާފައެވެ. މި މައްސަލައަކީ ޒުވާނުންނާއި ކުޑަކުދިން ސޯޝަލް މީޑިއާގައި ކުރާ މުއާމަލާތްތަކުގެ ސަބަބުން ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މެޓާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މީގެ ކުރިން ވެސް އިންސްޓަގްރާމް އަދި ފޭސްބުކްގައި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބޭރުގެ ފަރާތްތަކުން ކުދިންނަށް މެސެޖު ކުރުން ހަނިކުރުމާއި، ކުދިން ބޭނުންކުރާ އެކައުންޓްތަކުގެ ޕްރައިވެސީ ސެޓިންތައް އިތުރަށް ވަރުގަދަކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ވަނީ ކޮށްފައެވެ. އަދި ޚާއްސަކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާވެދާނެ ފަދަ ކޮންޓެންޓްތައް ފެނުމުން އެކަން ހުއްޓުވުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކޮށް، ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުންނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމުން އަންނަ ލަފާތަކާ އެއްގޮތަށް އެ ކުންފުނީގެ ސިޔާސަތުތައް ބަދަލުކުރަމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ