ގާސިމް ނާޒިމަށް: ގުޅެން އެނގުނީ ނިދާފައި އޮތް ޕާޓީއާ

ޖުމްހޫރީ ޕާޓީ އޮތީ ނިދާފައި ކަމަށް ވިދާޅުވެ، މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށާއި، ޖޭޕީ ހަމަ ރަނގަޅަށްވެސް އޮތީ ނިދާފައި ކަމަށް އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެެވެ.
ގާސިމް މިހެން ވިދާޅުވީ، އެޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ، ޖޭޕީން ވަކިވެވަޑައިގެން، ސިޔާސީ ގޮތުން ތިންވަނަ ފިކުރެއް ވުޖޫދު ކުރުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒުއަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އެ ދެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހޮވައިދިނުމަށްޓަކައި ގާސިމް ވަރަށް ބޮޑަށް ޚަރަދު ކުރެއްވި ކަމަށާއި، ދާއިރާގެ ރައްޔިތުންނަށް ބޭސްފަރުވާއާއި، ސްކޮލަރޝިޕް ފަދަ ފުރުސަތުތައް ފަހިކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.
ޖޭޕީން ވަކިވީ ފާއިތުވި ދެއަހަރު އެޕާޓީ ނިދާފައި އޮތުމުން ކަމަށް ނާޒިމް ވިދާޅުވެފައިވާތީ، އެވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ޖޭޕީ އޮތީ ހަމަ ރަނގަޅަށްވެސް ނިދީގައި ކަމަށެވެ. ނަމަވެސް އެޕާޓީއާ ނާޒިމްއާއި ރިޔާޒު ގުޅިވަޑައިގަތީ، ގާސިމް އެދިވަޑައިގެން ނޫން ކަމަށާއި، ދެބޭފުޅުން އަމިއްލައަށް ކަަމަށްވެސް ވިދާޅުވިއެވެ.
"ނާޒިމްވެސް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އޮތީ ނިދާފައޭ. ރަނގަޅު ތެދު ވާހަކައެއް. އަޅުގަނޑުމެން ތިބީ ނިދާފައި، ވަރަށްވެސް ރަނގަޅު ވާހަކައެއް. އަބަދުވެސް ނިދާފައި ތިބެނީ، އަބަދުވެސް. އެކަން އެހެން އޮއްވާ، ނާޒިމަށްވެސް، ރިޔާޒަށްވެސް ގުޅެން އެނގުނީ އަޅުގަނޑުމެންގެ ޕާޓީއާ. އަޅުގަނޑު ހަމަ ގައިމުވެސް، ބުނެގެން އާދޭސް ކޮށްގެން ގެންނަ އެކަކުވެސް ނޫޅޭނެ." ގާސިމް ވިދާޅުވިއެވެ.
ޖޭޕީ "ނިދާފައި" އޮންނަ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޮންމެ ފަހަރަކުވެސް، ކޮންމެ ބަޔަކަށްވެސް ވެރިކަން ހޯދައި ދިނުމުން އޭނާ ޖަލަށް ލާ ކަަމަށެވެ. އެގޮތުން އޭނާގެ މުދަލަށް ދީ، އަނބިދަރިންނަށް ނިކަމެތިކަން ދޭކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ