މިއަދު ހަވީރު އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ

މިއަދު ހަވީރު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނޫސްވެރިންގެ ކޮންފަރެންސްއެއް ބާއްވަން ހަމަޖެހިފައިވާކަން ހާމަކުރައްވައިފިއެވެ.
އަލީ ވަހީދު ނޫސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މި ޕްރެސް ބާއްވަން ހަމަޖެހިފައިވަނީ ކިހިނެއްކަން އަދި މި ޕްރެސް ބާއްވާ މަގްސަދެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އަލީވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ، ދައުލަތުން އުފުލާފައިވާއިރު މި ދައުވާގެ އަޑުއެހުން ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މިހާރު އަލީ ވަހީދު ހުންނެވީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރުގައެވެ.
އަދި އެ މައްސަލައިގެ އަޑުއެހުމެއް ދެފަހަރަކު ބޭއްވުމަށް ތާވަލުކޮށް އަލީ ވަހީދު ހާޒިރު ނުވުމުން ވަނީ ކެންސަލް ކޮށްފައެވެ.
ދާދިފަހުން ފުލުހުން ވަނީ އަލީ ވަހީދަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އަލީ ވަހީދު ކޯޓަށް ހާޒިރުވާން ފޮނުވި އަމުރު އޭނާއަށް ރައްދުވެފައި ވާތީ އާއި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅާ 2 މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އޭނާ ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫކޭގެ ފުލުހުން ގުޅިގެން ކުރަންޖެހޭ ކަންކަންވެސް ކުރަމުން ދާ ކަމަށެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފައެވެ.
މި މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލް ކުރީ މިމަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެ އަޑުއެހުން މި މަހުގެ 11 ވަނަ ދުވަހަށް ފަސްކުރި އިރުވެސް އަލީ ވަހީޑު ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ