މަޖިލީހުގައި އަޅުގަނޑުގެ ޒިންމާއެއް ނެތް، ދައްކާ ވާހަކަ އަޑުއަހާނެ މީހަކުވެސް ނެތް: ގާސިމް

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަތީ މަޖިލީހުގައި އޭނާގެ މާބޮޑު ޒިންމާއެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި ޖަލްސާތަކަށް ހާޒިރުނުވީ އޭނާއަކީ ހައި ރިސްކު މީހަކަށްވާތީ ކަމަށެވެ. އަދި އޮންލައިންކޮށް ބާއްވަން ފެށި ޖަލްސާތަކަށް ހާޒިރުނުވީ މަޖިލީހުގައި އޭނާގެ މާބޮޑު ޒިންމާއެއް ނެތުމުން ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުގެ މާބޮޑު އެއްވެސް ޒިންމާއެއް ނެތް މެންބަރަކަށް ހުރުން ފިޔަވާ އެތާނގަ. އެންމެ ކުޑަވެގެން ކޮމިޓީއެއްގެ ނައިބު މުގައްރިރުކަންވެސް ނެތް ހަވާލުކޮށްފަ. އެހެންވީމަ އަނެއްހެން ބަލާއިރު އަޅުގަނޑުގެ މާބޮޑު ޒިންމާއެއް ނެތުނީމަ އަޅުގަނޑުގެ ވޯޓު ނުލިބިގެން އެމީހުންނަށް ކަމެއް ނުނިންމިއެއް ނޯންނާނެ ދެއްތޯ؟ ދެން ކޮންމެހެން ކީއްކުރަންތޯ އިންޓަނެޓަކަށް ވަދެގެން އިންޓަނެޓު މެދުވެރި ކޮށްގެން ބޭއްވި ޖަލްސާތަކުގައި އަޅުގަނޑު ވަގުތު ކަނޑާލަން އިންނަނީ؟،“ ގާސިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި އޭނާ ވާހަކަ އަޑުއަހާނެ މީހަކުވެސް ނެތް ކަމަށާއި އަދި އޭނާގެ ވާހަކަ އަޑުއަހައި، އެކަން ބަލައިގަނެ ކަމެއްވެސް ނުކުރާނެ ކަމަށެވެ. އެހެންކަމުން އެވަގުތުު ”ހަމަހިމޭން ކަމާއެކު“ ހުރުމަށްވުރެ މޮޅު ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ
ކޮވިޑުގައި ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެން މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެ، ގާސިމް ގިނަ ދުވަސްތައް ހޭދަ ކުރައްވާފައި ވަނީ އޭނާގެ އަމިއްލަ ރިސޯޓް، ސަން އައިލެންޑް ރިސޯޓުގަ އެވެ. އެގޮތަށް ދޮޅު އަހަރު ވަންދެން ސަލާމުގައި ހުންނެވުމަށްފަހު ގާސިމު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެ ވަޑައިގަންނަވަން ފެއްޓެވީ، މިމަހުގެ 16 ވަނަ ދުވަހު ފެށި މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ