ބޮޑެތި ކުށްތަކާ މީހުން އެބަ ދުރުވޭ: އުމަރު
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން މިހާރަށް އައިއިރު ރާއްޖޭގެ މަގުތައް އަމާންވެފައިވާ ކަމަށާއި ބޮޑެތި ކުށްތަކުން މީހުން ދުރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ، ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓަޖީ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުން ރާއްޖެ އަށް ހަމަޖެހުމުގެ ކޮޅުމަތި ފެންނަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެންނާ އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުން ވެސް ވިދާޅުވާން ޖެހޭނީ، މިއަދު މަގުތަކުގައި ވަޅި ހަރާ އަދަދު މަދޭ. މިއަދު މީހުން މަރާ އަދަދު މަދޭ. މިއަދު ކުށްކުރާ އަދަދު މަދޭ. ދިވެހި ރާއްޖެ އަށް އަމަންއަމާން ކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި ފެނިއްޖެއޭ،" މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށްވެރިން ބެލެހެއްޓުން ހަރުދަނާކުރަން ސަރުކާރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވެ އެވެ. އެގޮތުން ގައިދީންނަށް އާމްދަނީ ހޯދައިދޭން ތިލަފުށީގައި މަސައްކަތް ކުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. "އެތަނުގައި މިއަދު ވެސް ގިނަ އަދަދެއްގެ ކުށްވެރިން އެ ދަނީ މަސައްކަތް ކުރަމުން. މާލެ އާއި އަތޮޅުތެރެ އަށް ގެންދާ މަގުތަކުގައި އަތުރާ ގާ، ކާނު ހަދާ ގާ ހެދުމުގެ މަސައްކަތް މިހާރު ވެސް އެ ދަނީ ކުރަމުން. އަދި އެ ކުށްވެރިންނަށް އާމްދަނީ ވެސް ލިބޭ. މި މަސައްކަތަކީ މީގެ ކުރީގައި ބިދޭސީން ލައްވައި އަޅުގަނޑުމެން ކުރުވި މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެންނަށް ގާއިމްކުރެވުނު ވަރަށް މުހިއްމު މަރުކަޒެއް." ކުށްވެރިން ބެލެހެއްޓުމުގެ ދާއިރާ އަށް ދެ ވަނައަށް ގެނައި ބަދަލެއްގެ ގޮތުގައި އުމަރު ފާހަގަކުރެއްވީ ގޭގައި ބައިތިއްބައިގެން ހުކުމް ތަންފީޒުކުރަން އިލެކްޓްރޯނިކް ޓެގް ތައާރަފް ކުރުމެވެ. ޕެރޯލްގެ ދަށުން މަދު ވެގެން 100 މީހުން މުޖުތަމައު އަށް ނެރެން ބޭނުންވާކަން ޕެރޯލް ބޯޑަށް މިދިޔަ ހަފުތާގައި އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެހީވާން ޑްރަޑް އޮފެންޑާ ރިމާންޑް ސެންޓަރެއް ގާއިމްކޮށް އެ ތަން ބަލަހައްޓަން މި ހަފުތާގައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރެވޭ ވަރުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ސެންޓަރު ހިންގާނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށުން ކަރެކްޝަނަލް ސާވިސް އިންނެވެ. މިރޭގެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ ޔޫއެންޑީޕީގެ އެހީއާ އެކު ތައްޔާރުކުރި ސްޓްރެޓެޖީ ޕްލޭންގެ ސަބަބުން ޖަލުގެ މަސައްކަތްތައް ހަރުދަނާކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ