ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓް ބޭނުންކުރަނީ އިމާރާތްތައް ފިނިކުރަން: ތޯރިގު

ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓް ބޭނުންކުރަނީ ގޭބީސީތަކާއި އޮފީސްތައް ފިނިކުރަން ކަމަށް އެންވަޔަރުމެންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކަތައިގެ ދުވަހާ ގުޅިގެން މިނިސްޓަ ނެރުއްވި ޚިތާބެއްގައި ވިދާޅުވީ އިމާރާތްތައް ފިނިކުރަން ކަރަންޓްގެ ބޮޑު ބައެއް ހޭދަ ވާތީ އެކަން ކުޑަކުރެވޭނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް އިމާރާތްކޮށްގެން ކަމަށެވެ. އަދި އެގޮތަށް އިމާރާތްތައް ހެދުން މުހިންމު ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. "ދިރާސާތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި އިމާރާތްތައް ފިނިކުރުމަށް އެންމެ އެކަށީގެންވާ ފިނިހޫނުމިނަކީ 25 ޑިގްރީ ސެލްސިއަސް. އެހެންކަމުން ފިނިހޫނުމިން މި މިންގަނޑުގައި ބެހެއްޓުމަކީ އަޅުގަނޑުމެނަށް އޭގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފުރިހަމައަށް ލިބޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. ތޯރިގް ވިދާޅުވީ ހަކަތަ ބޭނުންކުރުމުގައި އިސްރާފް ކުޑަކޮށް އެހެން ގައުމުތަކަށް ނަމޫނާއަކަށް ރާއްޖެ ވާން ޖެހޭ ކަމަށެވެ. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ކަރަންޓް ދެމުން އައި ނަމަވެސް ބައެއް ރަށްރަށަށް ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލަ އަށް ހައްލު ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރުތައް އޯވަހޯލްކުރަން ޖެހިއްޖެ ނަމަ ކަރަންޓް ކަނޑާލަން ޖެހޭ ކަމަށާއި ބެކަޕް ޖަނަރޭޓަރު ނުހުންނާތީ ރައްޔިތުންނަށް ދިމާވާ އެ ދަތިތައް ފިލުވާލަން ޖެހޭ ކަމަށެވެ. "ކަރަންޓް ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންފްރާސްޓްރަކްޗަ ގާއިމްކުރުމަށް ހޯދަން ޖެހޭ ތަކެތި ސަރުކާރުގެ އެހީތެރިކަމާ އެކު ޔޫޓިލިޓީ ކުންފުނިތަކުން އެ ގެންދަވަނީ ހޯއްދަވަމުން،" މިނިސްޓަރު ވިދާޅުވި އެވެ. ފެނަކަ އިން ދާދި ފަހުން 77 އިންޖީނު ހޯދާފައިވާ ކަން ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ ކަރަންޓް މެދުކެނޑުމުގެ މައްސަލަ އަށް ފުރިހަމަ ހައްލެއް ސަރުކާރުން ގެނެސްދޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނެނީ އާބާދީގެ ނިސްބަތުން އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ގައުމުތަކުގެ ތެރޭގަ އެވެ. އެހެންކަމުން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރުމަކީ ސިޔާދަތާއި އިސްތިގްލާލަށް ހުރި ނުހަނު ބޮޑު ބިރެއް ކަމަށް ސިފަކުރެއްވި އެވެ. ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާތީ، މިނިސްޓަރު ވިދާޅުވީ، ހަކަތައިގެ ޔަގީންކަން ހޯދުމަކީ ހަރުދަނާ އިގްތިސާދެއް ގާއިމްކުރަން ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. "އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ވުމަށްޓަކައި އިއާދަކުރަނިވި ވަސީލަތްތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް. މިގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި ދުވާލު ކަރަންޓު ބޭނުންކުރާ އެންމެ މަތީ މިންވަރުގެ 30 އިން ސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ. ތޯރިގް ވިދާޅުވީ ގައުމީ ފެންވަރުގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމުގައި އަމިއްލަ ފަރުދުންގެ ހިއްސާ ބޮޑު ކަމަށެވެ. އެގޮތުން ވީހާ ވެސް މަދުން ކަރަންޓް ބޭނުންވާ އާލާތްތައް ގޭ ތެރޭގައި ބޭނުންކުރަން މިނިސްޓަ ގޮވާލެއްވި އެވެ. " އާއްމު ގޮތެއްގައި ކަރަންޓުގެ ޚަރަދު ކުޑަ އާލާތްތައް އެހެން އާލާތްތަކަށް ވުރެ އަގު ބޮޑުކަމުގައިވީ ނަމަވެސް މިފަދަ އާލާތްތައް ދިގު މުއްދަތަކަށް ބޭނުން ކުރުމުން ކުރަން ޖެހޭ ޖުމްލަ ޚަރަދު ކުޑަވެގެން ދާނެ. އަދި ތިމާވެއްޓަށް ފައިދާ ހުރި ގޮތަކީ ވެސް މިދެންނެވި ޚަރަދުކުޑަ އާލާތްތައް ބޭނުންކުރުން،" މިނިސްޓަރު ވިދާޅުވި އެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު 22 ދުނިޔޭގެ ހަކަތައިގެ ދުވަހުގެ ގޮތުގައި ކަނޑައެޅުމާ އެކު މިކަމަށް ތަރުހީބު ދިނުމުގެ ގޮތުން "ދަ ޑުބާއީ ޑެކްލަރޭޝަން އޮފް އެނަޖީ ފޮ އޯލް" ގަރާރުގައި 60 ގައުމަކުންނާއި ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން ވަނީ ސޮއިކޮށްފަ އެވެ. މި ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރީ އޮކްޓޯބަރު 22، 2012 ގައި ދުބާއީގައި ބޭއްވި ވޯލްޑް އެނާޖީ ފޯރަމްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ