މިއުޒިކް ދާއިރާގެ އެންމެ މުއްސަނދި އަންހެނާ ބިޔޯންސޭ ބޮކްސްޑް ސެޓެއް ނެރެނީ
މިއުޒިކްގެ ދުނިޔޭގައި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން ފަންނާނަކީ ބިޔޯންސޭ ކަމަށް އާ ދިރާސާއަކުން ދެއްކި އިރު އޭނާގެ އަމިއްލަ ނަމުން ނަން ދީގެން ނެރެފައިވާ އަލްބަމްގެ ބޮކްސްޑް ސެޓެއް ނެރޭނެކަން އިއުލާންކޮށްފި އެވެ. މިހާރު ވެސް މަލްޓިމިލިއަން ޑޮލަރު ލިބިފައިވާ "ބިޔޯންސޭ" އަލްބަމްގެ ޕްލެޓިނަމް އެޑިޝަންގައި ހިމެނޭ ދެ ސީޑީ އާއި ދެ ޑީވީޑީގައި އާ ދެ ލަވަ އާއި އެހެން ތަރިންނާއެކު ރެކޯޑްކޮށްފައިވާ އާ ހަތަރު ރީމިކްސް އާއި ކޮންސަޓް ވީޑިއޯއެއް އޮންނާނެ ކަމަށް ބިޔޯންސޭ ބުނެ އެވެ. ބިޔޯންސޭ ލަވަކިޔަނީ.--ފޮޓޯ: އޭއެފްޕީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުއްލި ގޮތަކަށް އައިޓިއުންސްގައި ނެރުނު "ބިޔޯންސޭ" ގެ ފުލް އަލްބަމް ވެސް މި މަހު 24 ގައި ވިއްކަން ފަށާ ޕްލެޓިނަމް އެޑިޝަންގައި ހިމެނޭނެ އެވެ. ބިޔޯންސޭ މިކަން މި އިއުލާންކުރީ އޭނާ އަނެއްކާވެސް މުޅިން އާ ސަޕްރައިޒް އަލްބަމެއް ނެރެން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އަންގާރަދުވަހު ފޯބްސް މެގަޒިނުން އާއްމުކުރި އާ ރޭންކިން ދައްކާގޮތުގައި މިއުޒިކް ވިޔަފާރީގައި އެންމެ ރަނގަޅު އާމްދަނީއެއް މިދިޔަ އަހަރު ހޯދި އަންހެނަކީ ބިޔޯންސޭ އެވެ. ޖޫން 2013 އާއި ޖޫން 2014 އާ ދެމެދު އޭނާ އަށް 115 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު އޭނާ އަށް ލިބުނު 53 މިލިއަން ޑޮލަރުގެ ދެގުނަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ބިޔޯންސޭގެ ފަހަތުން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދީ 64 މިލިއަން ޑޮލަރު ލިބުނު ޓޭލާ ސްވިފްޓެވެ. އެކަމަކު މިދިޔަ ހަފްތާގައި ސްވިފްޓް ނެރުނު އާ އަލްބަމް "1989" މި ދިރާސާގެ މުއްދަތަކަށް ނުފެތެ އެވެ. ބެލެވޭގޮތުގައި 2014 ގައި އެންމެ ގިނައިން ވިކޭނީ އެ އަލްބަމެވެ. ފޯބްސް ރޭންކިންގައި ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ ލިބުނީ ޕިންކް، ރިއާނާ އަދި ކޭޓީ ޕެރީ އަށެވެ. ކޮންމެ ލަވައެއްގެ ވީޑިއޯއާ އެކު ނެރުނު "ބިޔޯންސޭ" ގެ 3.5 މިލިއަން ކޮޕީ ވަނީ ވިކިފަ އެވެ. އަދި ނެރުނުތަނާ އެންމެ ގިނަ އާމްދަނީ ލިބުނު އަލްބަމްގެ އައިޓިއުންސް ރެކޯޑް އެ އަލްބަމް ވަނީ މުގުރާލާފަ އެވެ. އަލްބަމްގެ އެންމެ ހިޓް ލަވަތަކަކީ "އެކްސްއޯ" އާއި ފިރިމީހާ ޖޭޒީއާ އެކު ބިޔޯންސޭ ފެންނަ "ޑްރަންކް އިން ލަވް" އެވެ. ބިޔޯންސޭގެ "އެކްސްއޯ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ