ޕާޓީން ވަކިކުރެވިދާނެތޯ ކޯޓުގައި ސުވާލުކުރާނަން: އުމަރު

ޕީޕީއެމްގެ ޕްރައިމަރީ ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައި އޮއްވައި ޕާޓީން ވަކިކުރެވިދާނެތޯ ކޯޓުގައި ސުވާލުކުރައްވާނެ ކަމަށް ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްއަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާތީ، ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް "€œއިސްލާހުވުމަށް"€ ދިން މުއްދަތުގައި އުމަރު އެކަން ނުކުރެއްވި ކަމަށް ބުނެ އޭނާ ޕާޓީން ވަކިކުރަން ސުލޫކު ކޮމިޓީން އިއްޔެ ނިންމާފައިވާކަން "ހަވީރަށް" ވަނީ އެނގިފަ އެވެ. ނަމަވެސް މިކަމުގައި ޕީޕީއެމުން ރަސްމީކޮށް ބަހެއް ނުބުނެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ޔާމީނާ ވާދަކުރެއްވައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރަން ނިންމީ އިއްޔެއަކު ނޫން ކަމަށާއި "އެއީ މާކުރިން ވެސް ނިންމާފައިވާ ކަމެއް" ކަމަށެވެ. "€œމައްސަލަ ކޯޓަށް ގެންދާނެކަން އެނގުނު ހިސާބުން އަޅުގަނޑު ޕާޓީން ވަކިކުރަން ވަނީ ނިންމާފައި. އެއީ އެ މައްސަލައިގައި އަލުން އިންތިހާބު ބާއްވަން ކޯޓުން އަމުރުކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވެ އެފަދަ ހުކުމެއް އައުމުގެ ކުރިން އަޅުގަނޑު ޕާޓީން ވަކިކުރަން ބޭނުންވަނީ. މިފަދަ ހާލަތެއްގައި އަޅުގަނޑު ޕާޓީން ވަކިކުރެވިދާނެތޯ، ކޯޓުގައި ސުވާލުކުރާނަން،" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސަކަށް ވެސް ކުރިން ހުންނެވި އުމަރު ވިދާޅުވި އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އިސްލާހުވެވަޑައިގަތުމަށް ސުލޫކު ކޮމިޓީން އުމަރަށް ދިނީ އެއް ހަފުތާ އެވެ. އަދި އެ ގޮތަށް ނިންމާފައި ވަނީ މި މަހުގެ 15 ގަ އެވެ. ޕްރައިމަރީ ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އުމަރަށް ތާއިދުކުރާ ޕީޕީއެމްގެ މެމްބަރެކެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މިދިޔަ މަހުގެ 30ގައި ޕީޕީއެމުން ބޭއްވި ޕްރައިމަރީ އިންތިހާބުގައި އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައި ނުވާ 8،915 މީހުންނަށް ވޯޓުލެވޭގޮތަށް ނިންމައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ ހައްގަށް އުނިކަން ލިބި ހައްގު ގެއްލިފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ހުށަހެޅި ދައުވާގައިވެ އެވެ. އުމަރު މައާފަށް އެދިވަޑައިގަތުމަށް އެންގުމަށް ވެސް ޕީޕީއެމްގެ ކަައުންސިލުން ނިންމި އެވެ. ނަމަވެސް އޭނާ މައާފަށް އެދިވަޑައެއް ނުގަންނަވަައެވެ. ޕީޕީއެމްގެ ލީޑަޝިޕާއި އުމަރާ ދެމެދު މައްސަލަތައް އުފެދިފައިވާއިރު، ރިޔާސީ އިންތިހާބަށް ނުކުތުމުގެ ކުރިން ރައީސް މުހައްމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ދެމެދު ދެ ބޭފުޅުން ރުހޭ ފަދަ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް އުމަރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ