އަބްދުﷲ ހަމީދު ހޯދުމަށް ފޮރިންމިނިސްޓްރީއަށް ހުށަހަޅާފައެއްނުވޭ: މިނިސްޓަރު

ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ރައީސް މައުމޫންގެ ކޮށްކޯފުޅު އަބްދުﷲ ހަމީދު ހޯދުމަށް ކްރިމިނަލް ކޯޓުން އެންގި އެންގުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރެފައިވާ އިރުވެސް ރާއްޖޭގެ ފޮރިންމިނިސްޓްރީއަށް އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ.އަބްދުއްސަމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަމަދު އެގޮތަށް ވިދާޅުވީ މިއަދު ބޭއްވެވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޒިރުކުރުމުން މެމްބަރުން ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. ސަމަދު އިތުރަށް ވިދާލުވީ ފުލުހުންގެ ފަރާތަކުންވެސް އަދި އެނޫންވެސް ފަރާތަކުން އަބްދުﷲ ހަމީދު ހޯދުމަށް އެދިފައިނުވާ ކަމަށެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވުމުގެ އިތުރުން ނިޝާން ޣާޒީގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ އަބްދުﷲ ހަމީދުގެ މައްޗަށް ދިވެހި ދައުލަތުން ދައުވާކުރަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.
އަބްދުﷲ ހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގެ ދައުވާ ކުރުމަށް ހުށަހެޅީ 2009 ގައެވެ. ކްރިމިނަލް ކޯޓުން ކުރިން ބުނެފައި ވަނީ ހަތަރު ފަހަރަށް ވުރެ ގިނައިން އަބްދުﷲ ހަމީދުގެ މައްސަލަ ބާއްވަން އުޅެ ވެސް އަބްދުﷲ ހަމީދުގެ މައްސަލަ ބޭއްވިފައި ނުވާ ކަމަށާއި އަބްދުﷲ ހަމީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ. އެންމެފަހުން އަބްދުﷲ ހަމީދު ހައްޔަރުކޮށްގެން ކްރިމިނިލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރެފައިވަނީ 12 ސެޕްޓެމްބަރު 2011 ގައެވެ.
މިއަދު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންގެ މައްޗަށް ހުޅުމާލެ ކޯޓުން ރައީސް ނަޝީދު ހައްޔަރުގަ ބަހައްޓައިގެން ކޯޓަށް ހާޒިރުވުމަށް އެންގި އެންގުމާ ފޮރިން މިނިސްޓްރީއާއި ބެހޭ ކަމެއް ނޫންކަމަށާއި ނަމަވެސް ރައީސް ނަޝީދު މިހާރު ހުންނެވީ އިންޑިއާގެ ހައިކޮމިޝަނުގެ ތެރޭގައިކަމުން ފުލުހުންނަށް ސީދާ ހައިކޮމިޝަނާ މުއާމަލާތް ނުކުރެވޭނެ ކަމަށާއި ހައިކޮމިޝަނާ ފުލުހުން މުއާމަލާތް ކުރަންޖެހޭނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށްކަމަށެވެ.
މީގެ އިތުރުން މިމަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ސަފީރު ޑީއެމް މުލޭ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރީ ރައީސް ނަޝީދު އެކޮމިޝަނުގައި އިންނަވާތީ ނޫންކަމަށާއި ސަފީރު ހާޒިރުކުރީ އިންޑިއާއިން ނެރެފައިވާ ބަޔާނަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ރައްދު ކޮށްދޭންޖެހޭ މެސެޖެއް ރައްދުކުރުމަށެވެ. ނަމަވެސް ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަނުގައި އިންނެވުމަކީ ހިތްދަތި ކަމެއްކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އެޓާރނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލިޔުންތަކަކާއި ހުޅުމާލެ ކޯޓުގެ ލިޔުންތަކަކާއި އަދި ފުލުހުން ހުށަހަޅާ ލިޔުންތަކެއް އިންޑިއާގެ ހައިކޮމިޝަނަށް ފޮރިން މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާނެ ކަމަށާއި މިއަދުގެ 14:30 ވީއިރުވެސް އިންޑިއާ ހައިކޮމިޝަނުން ޖަވާބެއް ދީފައިނުވާކަމަށެވެ. މިއަދު ހަވީރު ހަތަރެއް ޖެހިއިރު ރައީސް ނަޝީދުގެ ޝަރީއަތް ވަނީ ހުޅުމާލެ ކޯޓުގައި ތާވަލްވެސް ކޮށްފައެވެ. ނަމަވެސް ފުލުހުންނަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށްނުދެވުމުގެ ސަބަބުން މިއަދުގެ ޝަރީއަތްވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނަށް ހައިކޮމިޝަނުގެ ހުއްދައެއްނެތި އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ނުވަދެވޭނެ ކަމަށާއި އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކަށްވެސް ހައިކޮމިޝަނުގެ ހުއްދައެއްނެތި އެތަނަށް ނުވަދެވޭނެ ކަމަށެވެ. އެހެންކަމުން ހައިކޮމިޝަނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ހައިކޮމިޝަން ހިމާޔަތްކުރަން ކުރެވެން ހުރިހުރިހާކަމެއް ކުރައްވާނެކަމަށްވެސް މިނިސްޓަރު ސަމަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ