މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެބުރުގެ ހުރިހާ ހަރަދެއް ނިމޭއިރު 70 މިލިއަން ރުފިޔާއަށްވުރެ އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން އާއްމުކުރި ރިޔާސީ އިންތިހާބުގެ ރިޕޯޓްގައި ބުނެފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރަށް 49.6 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އަދި ދެވަނަ ބުރަށް ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި 49.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރިޕޯޓްގައިވަނީ ދެ ބުރުގެ މަތިން ލިބުނު 99.5 މިލިއަން ރުފިޔާގެ ތެރެއިން ދެ ބުރަށް 61.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
"އިންތިހާބަށް ލަފާކުރެވުނު ބަޖެޓްގެ ހަރަދު ބޮޑުވެފައި ވަނީ ގާނޫނުތަކާއި ގަވައިދުތަކަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް އިންތިހާބު ރާވައި ހިންގަން ޖެހުމާއި ގާނޫނު ފާސްވުމާވިދިގެން ކުރު މުއްދަތެއްގެ ތެރޭގައި އިންތިހާބު ބާއްވަންޖެހުމާއި ތަކެތީގެ ހިދުމަތުގެ އަގު ބޮޑުވެފައިވުމުން،" އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ކޮމިޝަނުގައި ރިޕޯޓްގައި ވަނީ އިންތިހާބުގައި ފާހަގަކުރެވުނު ބޮޑެތި ހަރަދުތަކުގެ ތެރޭގައި އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ކޮމްޕްލެއިންސް ބިއުރޯތައް ގާއިމުކުރުމާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުން ކަންތައްތައް ހިމެނޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދެބުރުގެ މަތިން ލިބިފައިވާ ބަޖެޓް ވޯޓުލި 209،294 މީހުންގެ މައްޗަށް ބަހާލުމުން ބޮލަކަށް 476ރ. ޖެހޭ ކަމަށެވެ.
އެ ރިޕޯޓްގައިވާ ގޮތުން މަސައްކަތުގައި ހަރަކާތްތެރިވި ބޭފުޅުންގެ އެލަވަންސަށާއި ކެއުމާއި ސައިގެ ހަރަދަށް ރާއްޖެތެރެއަށް 16.3 މިލިއަން ރުފިޔާ އަދި ފުލުހުން ހިންގި ސެކިއުރިޓީ ބެލެހެއްޓުމުގެ އޮޕަރޭޝަނަށް 11.6 މިލިއަން ރުފިޔާ، ޓާސްކްފޯސް މުވައްޒަފުންނާއި އޮފީސް މުވައްޒަފުންގެ އެލަވަންސްގެ ގޮތުގައި 10.3 މިލިއަން ރުފިޔާ، ރާއްޖެއިން ބޭރަށްކުރި ދަތުރުތަކަށް 1.1 ހަރަދުވެފައިވާ ކަމަށް ދައްކަ އެވެ. އަދި ތަކެތި އުފުލުމާއި މަސައްކަތު މީހުންގެ އުޖޫރައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ އަދި އޮފީހުގައި ދެވޭ ސައިފަދަ ތަކެއްޗަށް 2.6 މިލިއަން ރުފިޔާ، އެއްގަމާއި ކަނޑު ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
ރިޔާސީ އިންތިހާބުގެ ރިޕޯޓް: ހަރަދުގެ ގޮތުގައި 70 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ