ދިއްދޫ އިބްރާހިމް ކަލޭފާނުގެ ބިންތަކުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ހަބީބް ބޭންކާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފި

ކަލޭފާނުގެ ބައެއް ބިންތައް ކުރީގެ ސަރުކާރުގެ އެތައް ވުޒާރާއެއް ހިންގެވި އިލްޔާސް އިބްރާހިމް ބައްލަވައިގެންފައި ވަނީ "ނުއަގުގައި" ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭ ކަމުގައި ރިޔާސީ ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ ކޮމިޝަންގެ މެމްބަރު އަބްދުﷲ ހަސީން ވިދާޅުވީ އެ މައްސަލައިގެ ތަހްގީގަށް ބައެއް މައުލޫމާތު ސާފުކޮށްދިނުމަށް ހަބީބް ބޭންކުގައި އެދުމުން ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށެވެ. އެ ބޭންކުގެ އިސްވެރިންތަކެއް ރިޔާސީ ކޮމިޝަނަށް މިއަދު ވަޑައިގެން ބިންތަކާ ބެހޭގޮތުން މައުލޫމާތުދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައްސަލަ ބަލާއިރު އެ ބޭފުޅުން އެއްބާރުލުންދޭނެ ގޮތަކާ މެދު އަޅުގަނޑުމެން މިއަދު މަޝްވަރާކުރީ. އެގޮތުން އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދެއްވާފައި،" ހަސީން ވިދާޅުވި އެވެ.
ކަލޭފާނުގެ ބިންތައް "ނުއަގުގައި" އިލްޔާސް ބައްލަވައިގެންނެވީ ހަބީބް ބޭންކުގައި މޯގޭޖްކޮށްފައި ހުއްޓައި ކަމަށް ރިޔާސީ ކޮމިޝަނުން ބުންޏެވެ.
ހަސީން ވިދާޅުވިގޮތުގައި ހުރިހާ ބިންތަކެއް ވިއްކާލުމުގެ ބަދަލުގައި ބައެއް ބިންތައް ވިއްކައިގެން މޯގޭޖް އަދާކުރެވެން އޮތް ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވެ އެވެ.
އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ކަލޭފާނު އަތްޕުޅުން އިލްޔާސް ބައްލަވައިގަތް ގޯތިތައް މިހާރު ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާ ބޭފުޅުންގެ ނަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ