ނަޝީދު، އިމްރާން، ކާނަލް ނާޒިމް އަދި މެންބަރު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އެ ކޯޓުން ބަލައިގަންނަން ނިންމައިފި އެވެ.
ނަޝީދުގެ މައްސަލަ ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުގެ ފަރާތުން އެވެ. އަދި އިމްރާން އާއި ނާޒިމް މައްްސަލަ ހުށަހެޅުއްވީ، އެބޭފޅުން އަމިއްލައަށެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 2012 ޖަނަވަރީ 16 ވަނަ ދުވަހުގެ ރޭ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ރަހީނުކޮށް، ގާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވާލައި، ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޭނާގެ ކިބައިން ނިގުޅައިގަތް މައްސަލާގަ އެވެ.
އަދި އަބްދުﷲ މުހައްމަދަކީ ފަނޑިޔާރެއް ކަމަށްވީހިނދު، ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒް ގެއްލުވާލައި، ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް 22 ދުވަސް ވަންދެން ސިފައިންގެ ތަމްރީން މަރުކަޒެއްކަމުގައިވާ ގިރިފުށީގައި ބަހައްޓާފައިހުރި މައްސަލަގަ އެވެ.
ނަމަވެސް ޖަލު ހުކުމުގައި ހުންނެވުމަށްފަހު 2015 ވަނަ އަހަރުގެ ތެރޭގައި މައިބަދައިގެ އޮޕަރޭޝަނަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް، އެގައުމުގެ ހިމާޔަތް ހޯއްދަވައިގެން ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.
އަދި ރާއްޖޭގެ ސިޔާސީ މަސައްކަތްތައް ހިންގަވަން ވަރަށް ގިނައިން އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ބޭސްފަރުވާއަކަށް މިވަގުތު މެލޭޝިއާގައި ހުންނެވި ކާނަލް ނާޒިމް 27 މާރިޗް، 2015 ވަނަ އަހަރު ޖަލަށްލާން ހުކުމްކުރީ، އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ.
ނަމަވެސް ނާޒިމްގެ ކޮޓަރިން ފެނުނު ފިސްލޯތައިން އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައިނުވާއިރު، އެ ފިސްތޯލައިން ފެނުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ކަމަށް، ފުލުހުން ފަހުން ވަނީ ބުނެފައެވެ.
މިވަގުތު ގޭ ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ، 2015 ވަނަ އަހަރު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ.
ސަރުކާރުން ދިން ހުއްދައެއްގައި ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް ރާއްޖެއިން ބޭރަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމަށް ދައުލަތުން އުފުލާފައިވަނީ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ