ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް އަންނަ އަހަރުން ފެށިގެން ގައުމީ އިނާމު ދެނީ

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް އަންނަ އަހަރުން ފެށިގެން ގައުމީ ފެންވަރުގައި އިނާމު ދޭން ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން، ޖެނެރޭޝަން ބޭން ތައާރަފްކުރީ އެ ވަބާގައި ޒުވާނުން ޣަރަގުވެގެން ދަނިކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރަން މަސައްކަތްކުރާ މަދަނީ ޖަމާއަތްތަކަށް އެހީތެރިކަން ދީ އެ މަސައްކަތުގެ އަގުވަޒަންކުރަން އަންނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުން ފެށިގެން، ކޮންމެ އަހަރަކު ވެސް ގައުމީ އިނާމު ދޭނެ ކަމަށެވެ.
"...ދުންފަތުގެ އިސްތިއުމާލުކުރުުމުގެ އާދައިން ސަލާމަތްކޮށްދީ އެކަމުން އެންމެ ގިނަ މީހުން މިނިވަންކޮށްދޭ ފަރާތްތައް ފާހަގަކޮށް ގައުމީ އިނާމެއް ދޭން ނިންމާފައި އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވަށައިޖެހޭ ސިއްހީ ސިޔާސަތެއް ތަންފީޒުކުރަނީ އެގޮތަށް ކަމަށެވެ. 
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް މިހާރު ވެސް އެޗްޕީއޭއިން އެވޯޑު ދެ އެވެ. ނަމަވެސް، އެކަން ގައުމީ ފެންވަރުގައި ފާހަގައެއް ނުކުރެ އެވެ.
ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރާ މީހުންނަށް ގައުމީ އިނާމު ދޭން ނިންމިއިރު، ސަރުކާރުން މި ފަހުން ވަނީ ދުންފަތުގެ އިމްޕޯޓު ޑިއުޓީ ކުޑަކުރަން ނިންމައިފަ އެވެ. މި ނިންމުމަށް  ފާޑުކިޔުން އަމާޒުވެފައި ވިޔަސް ސަރުކާރުން ބުނެފައިވަނީ މިއީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ގެނައި ބަދަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ