ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ރައްޔިތުން މާޔޫސް ނުވުމަށް ރައީސް ގޮވާލައްވައިފި
ސުޕްރީމް ކޯޓުގެ ޙުކުމުގެ ސަބަބުން ރައްޔިތުން މާޔޫސް ނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެޕާޓީގެ ނައިބް ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެފަދައިން ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުންނަށް މާޔޫސްކަން ލިބިފައިވާ ދަނޑިވަޅެއްގައި އެ ރައްޔިތުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށެވެ. އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އެންމެ ބޮޑު އުފަލެއް ހާސިލް ވާނެ ކަމަކީ ދަތިތަކާއި ކުރިމަތިލައިގެން ކާމިޔާބީ ހޯދުން ކަމަށެވެ. " ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި ދަތިތަކާއި ކުރިމަތިލައިގެން ކާމިޔާބު ކުރުން، އެއީ އެންމެ ބޮޑު އުފަލެއް ހާސިލްވާ ކަމަކީ. ދުނިޔޭގެ އެއްވެސް ކަހަލަ ގޮންޖެހުމެއް ނެތިއްޔާ، ގިރާ ކުރަން ޖެހޭ ހުރަހެއް ނެތިއްޔާ ދެން ނެތެންނޫންތޯ ވިސްނަން ޖެހޭ ކަމެއް" އަބްދުއްރަޙީމް ވިދާޅުވިއެވެ. ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް އަބްދުއްރަޙީމް ވަނީ ރައްދު ދެއްވާފައެވެ. އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ހުންނަވާނީ ދިވެހި ރައްޔިތުންނާއި އެކީގައި ކަމަށް. އެގޮތުން އިދިކޮޅުގައި ހުންނަވައިގެން ވިޔަސް، އަދި ސަރުކާރުގައި ހުންނަވައިގެން ވިޔަސް އެމަނިކުފާނުގެ މައިގަނޑު މަސައްކަތަކީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރެއްވުން ކަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. "އެމަސައްކަތުގައި ހަމަ އެންމެ އިންޗިއެއްވެސް އެމަނިކުފާނު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ. " އަބްދުއްރަޙީމް ވިދާޅުވިއެވެ. އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވާއިރު، އެޕާޓީއިން ވަނީ އަބަދުވެސް ދިވެހި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެމްބަރުންނަށް އަރުވާފައެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން މާޔޫސް ވުމުގެ ބަދަލުގައި ޕާޓީ އިތުރަށް ބަދަހި ކުރުމަށްވެސް އެޕާޓީން މެމްބަރުންގެ ކިބައިން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ