އެމްޑީޕީގެ ނިންމުމަށް ރައީސް މައުމޫން ތައުރީފު ކުރައްވައިފި

ގެވެށި އަނިޔާ ކުރާކަމުގެ ތުހުމަތުކުރެވުނު ކެންޑިޑޭޓަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންދިއުމުން ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި އަބްދުލް މުޣުނީއަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންދިޔަކަން އިއުލާންކުރީ މިއަދެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި މުޣުނީއަށް ތާއީދު ނުކުރަން އެމްޑީޕީން މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މުޣުނީގެ ކެމްޕޭންގެ އެއްވެސް ކަމެއްގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު އަދި ވަކިން ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
އަފްޝަން ވިދާޅުވީ މުޣުނީއަށް ތުހުމަތުކުރެވޭ މައްސަލައަކީ އެމްޑީޕީން ގަބޫލުކުރާ އަސާސްތަކާ ޚިލާފު ކަމެއް ކަމަށެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އަންހެނުން ބާރުވެރިކުރުވުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތާ ކުރާނެކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ އެމްޑީޕީން ބަލައިނުގަންނަ ކަމެއްގެ ތުހުމަތު އެމްޑީޕީގެ އެއްވެސް ބޭފުޅަކަށް ކުރެވިއްޖެނަމަ އެޕާޓީން ފިޔަވަޅު އަޅާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ މީހެއްގެ ކެމްޕޭނުގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓަކަށް އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ، މީގެ ފަހުން އެފަދަ ކަމެއް ނުކުރުމަށް އަމިއްލައަށް އެއްބަސްވެ، އެކަމަށް މައާފަށް އެދުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ނިންމުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކެންޑިޑޭޓަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންދިއުމުން މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެމްޑީޕީގެ ނިންމުމަކީ ވަރަށް ރަގަޅު ނިންމުމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނައަކީ ގެވެށި އަނިޔާ ކުރާ މީހެއް ކަމަށްބުނެ އޭނަގެ ކުރީގެ އަންހެނުން ކުރި ޓުވީޓަކާ ގުޅިގެން ސޯޝަލް މީޑިއާގައި މުޣުނީއާ ދެކޮޅަށް ބައެއް މީހުން އަޑުއުފުލަމުން ދަނިކޮށެވެ.
އެމްޑީޕީގެ ނިންމުމާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން މުޣުނީ ވިދާޅުވީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް އެކަނި ބަލައި، އޭނައާ ސުވާލެއްވެސް ކުރުމެއް ނެތި އެމްޑީޕީ ފަދަ ތަސައްރަފު ފުދޭ ޕާޓީއަކުން ތާއީދު އަނބުރާ ގެންދިއުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ނަން އަނބުރާ ނުގެންދަވާނެ ކަމަށާއި ކެމްޕޭން ކުރިއަށް ގެންގޮސް، ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ނިންމުމަށް ރައީސް މައުމޫން ތާއީދުކުރައްވާފައިވާއިރު، ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކީ ރައީސް މައުމޫންގެ ތާއީދާއެކު ވާދަކުރައްވާ ބޭފުޅެކެވެ. އެއީ މިހާރުވެސް އެދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ސައުދުﷲ ހިލްމީއެވެ. މުޣުނީގެ އިތުރަށް ދެން ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓު އިކްލީލް އާދަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ