ސުޕްރީމް ކޯޓުގެ ލަފާގެ ރޫހާއި ހިލާފަށް ޤާނޫނު އަސާސީ އިސްލާހުކުރަން ތާއީދު ނުކުރަން: އިދިކޮޅު

ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ރޫހާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް އިދިކޮޅު ކޯލިޝަނުން ތާއީދު ނުކުރާކަމަށް ބުނެ އެ ކޯލިޝަނުން ބަޔާނެއް ނެރެފިއެވެ. މިގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ ސިއްޙީ ކާރިސާއާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފާއިވާ އިސްތިޝާރީ ލަފާގެ ރޫޙާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް މިކޯލިޝަނުން ތާއީދެއް ނުކުރާ ކަމަށެވެ. އަދި އެ އަމަލު ކުށްވެރިކޮށް އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ."ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާޙު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަންޏެވެ. އިސްލާހަށް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާޙު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާޙުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ޙައްލު ކުރެވޭނީ ޤާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާޙުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވެއެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ. އަދި އެހެން ކަމުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް ކޯލިޝަނަށް ޤަބޫލު ނުކުރެވޭކަމަށް ވެސް ބަޔާނުގައިވެއެވެ. މީގެ އިތުރުން، ދައުރު ދަންމާލަން ޤާނޫނު އަސާސީ އިސްލާހު ކުރުމާއި އެކު ކައުންސުލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލުގައި ވެސް ކަންބޮޑުވާ ކަންކަން ހުރިކަމަށް ބަޔާނުގައިވެއެވެ. މިގޮތުން އެ ބިލް ބައްޓަން ވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެން ގޮސް، ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫން ކައުންސިލްތަކަށް ދީފައިވާ ބާރުތަށް ވަރަށް ބޮޑަށް ހަނި ވާކަން އިދކޮޅު ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ