ނުރައްކާތެރިކޮށް ސައިކަލު ދުއްވުން: 3 މީހުން ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވި ތިން މީހުން ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނަމާލޭ ބްރިޖުގެ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވައިފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވި މީހުން ސައިކަލު މަތީ ބަނޑު އަޅައި, އޮށޯވެގެން ބާރު ދުވެލީގައި ދުއްވައިފައިދާ މަންޒަރު ފެނެއެވެ. ފުލުހުން މީޑިއާތަކާ މިރޭ އިރާކޮޅު ހިއްސާކުރި މެސެޖެއްގައި ވަނީ، މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އޭގެ ތެރެއިން ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައިވާ ކަމަށެވެ. https://sun.mv/225119 އޭގެ ފަހުން ފުލުހުން މިރޭ ބުނީ، ތިން ސައިކަލު ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާތީ ތިންވަނަ މީހާ 4،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު މި މައްސަލައާ ގުޅުންހުރި ރިޕޯޓެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ ކުރިން ވެސް ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަތަކަށް ނުރައްކާވެފައި އެބަހުއްޓެވެ. އަދި އޭގެ ތެރޭގައި މަރުގެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭގެ ތެރޭގައި ވެސް ގިނައީ ޒުވާނުންނެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1،751 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ