މިނިވަންދުވަހުގެ ހަރަކާތްތަކުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.މިދިޔަ ފެބްރުއަރީ މަހުގެ ތެރެގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ވަޑައިގެންފައި މިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ލިބުނު ދައުވަތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޙަލީލުއްރަހްމާނަށް މަރްޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.ޙަލީލުއްރަހްމާންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.މި ދަތުރުފުޅަކީ ޙަލީލުއްރަހްމާން މި އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ