ދިވެހި ފިލްމު ދާއިރާގެ ރިކޯޑުތައް މުގުރާލާނެ ފިލްމަކަށް ދިވެހި ފިލްމު "ހައްދު" ވެގެންދާނެ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
މި ފިލްމުގެ ފޭސްބުކް ޕޭޖުގައި ފިލްމު ޕްރޮމޯޓު ކުރުމަށް ކުރާ ކޮންމެ ޕޯސްޓެއްގައި "ހޭޝްޓެގް ރެކޯޑް ބްރޭކިން މޫވީ" މިހެން ޖަހާތީ މިކަމާ ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެމުން މި ފިލްމުގެ ޕްރޮޑަކްޝަން ޓީމްގައި ހިމެނޭ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ބުނީ "ހައްދު" ފިލްމަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ ދާއިރާ އިން ހޯދާފައިވާ ރިކޯޑުތައް މުގުރާލެވޭނެ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފައްތާހް ބުނީ ގިނަ އެވޯޑުތައްވެސް މިފިލްމުން ހާސިލް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ބުނީ މިހާތަނަށް ދިވެހި ފިލްމަކަށް ނުލިބޭ ވަރަށް އާމްދަނީ މި ފިލްމުން ހޯދާނެ ކަމަށެވެ.
ފައްތާހު ބުނީ ހައްދުގެ ނަމުން ފިލްމަށް ނަން ދެވުނީ ތަފާތު ނަމެއް ދިނުމަށް ކަމަށެވެ. އަދި މި ފިލްމު ބަލާލުމުން ހައްދު ފަހަނަ އެޅުމުން ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ.
މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މިފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ. މި ފިލްމުގެ ޝޫޓިންތައް މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހއ. ކެލާ އާއި ރ. ވާދޫގެ އިތުރުން މާލެ ކައިރި ރަށްތައް ހިމެނެ އެވެ.
ދިވެހި ފިލްމު "ހައްދު" ފިލްމީ ދާއިރާގެ ރިކޯޑްތައް މުގުރާލާނެ: ފައްތާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ