ސިއްހީ ދާއިރާގެ ދިރާސާތައް ކުރުމުގައި އިންޑިޔާ މަޑުޖެހިލާފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ އޯލް އިންޑިޔާާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އޭއައިއައިއެމްއެސް) ގެ 42 ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
"ސިއްހީ ދާއިރާގެ ދިރާސާގައި އިންޑިޔާ ވަނީ މަޑުޖެހިލާފައި، އިތުރު މަސައްކަތް ކުރަންޖެހޭ. ދިރާސާކުރުމަށް މަސައްކަތް ކުރަންޖެހޭ. މީގެ ސަބަބުން މުޅި އިންސާނިއްޔަތަށް ފައިދާ ކުރާނެ،" މޯދީ ވިދާޅުވި އެވެ.
ކޮންވޮކޭޝަން ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދަސްވެނިވި ނިމުނު ކަމަށްވިޔަސް އުގެނުމުގެ ހިޔާލުދޫކޮށްލައިގެން ނުވާނޭ ކަމަށާއި އިތުރަށް އުގެނުމުގެ ފުރުސަތު ހޯދާ އެފުރުސަތު ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިއްމު ކަމާއިމެދު ވާހަކަފުޅު ދައްކަވާފައިވެ އެވެ. އަދި، އޭއައިއައިއެމްއެސް އިން ދަސްވެނިވިފައިވާ ދަރިވަރުންނަށް ކުރިއަށް އޮތީ އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުން ކަމަށްވެސް މޯދީ ވިދާޅުވި އެވެ.
މީގެ އިތުރުން، މޯދީ ވަނީ މިފަދަ ކޮންވޮކޭޝަން ޖަލްސާތަކުގައި އިންޑިޔާގެ ރަށްފުށުގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަށް ގޮވާލާފައިވެ އެވެ. މީގެ ސަބަބުން، "ދުނިޔެއާއި މެދު އެ ދަރިވަރުންގެ ލޯ ހުޅުވި، ޝައުގުވެރިކަން އުފެދި، އެކަންކަން ދަސްކުރުމަށް ހިތްވަރު ލިބޭނެ. އަދި، އޭގެ ސަބަބުން މުޅި ގައުމަށް ފައިދާ ކުރާނެ،" މޯދީ ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ދިރާސާތަކުގައި އިންޑިޔާ ވަނީ މަޑުޖެހިފައި: މޯދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ