ގާނޫނީ ކުށެއް ނުކުރަން، ފެންނާނީ "ހުދު" ވަލެއް": އުމަރު

2015 ވަނަ އަހަރު ފާހަގަކުރި މިނިވަން 50 އާއި ގުޅޭ ކަންކަމުގައި އޭނާ ކުރި ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށާއި އެ ކަންކަން ބެލުމުން ފެންނާނީ "ހުދު" ވަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ މިނިވަން 50އާ ގުޅޭ ގޮތުން ހުށަހެޅުނު 39 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް އޭސީސީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އުމަރު ވިދާޅުވީ މިނިވަން 50 ގެ ނަމުގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ އެ ހަރަކާތް ބޭއްވިތާ ފަސް އަހަރު ވާން އަންނައިރު އޮންނާނީ ކޮންމެވެސް އެއްޗެއް ފެނި، ދައުވާކޮށް ހުކުމްކޮށްފައި ކަމަށެވެ.
"އަޅުގަނޑުގެ ގައިގައި ހިފޭވަރުގެ ކަމެއް އޮތްތޯ ދެ ސަރުކާރުން ބަލާ ހާވައިފި. ފެނުނީ ހުދު ވަލެއް. އިތުރަށް ހޭވިޔަސް ފެންނާނީ ހުދު ވަލެއް" އުމަރު ވިދާޅުވިއެވެ.
މަހަކު އެއް ފަހަރު ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެ ވާހަކަތައް އެރުވިޔަސް އެމަނިކުފާނު ކުރެއްވި ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން މިނިވަން 50ގެ ހުރިހާ މަސައްކަތްތަކެއް ކުރީ އޭސީސީއާ އޮޑިޓްއަށް ލިޔެ، އެ މުއައްސަސާތަކުުގެ ބެލުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި އޭނާގެ ކުންފުންޏެއް، އަތްބެއް، ދަރިއެއް އެއްބަނޑު/އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަަކަށްވެސް، އެއްވެސް މަސައްކަތެއް ދީފައި ނޯންނާނެ ކަމަށާއި މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލް ފަރާތްތަކަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމާ، މުޅި ރާއްޖޭ ފަހުރުވެރިވާ ވަރުގެ ވަރުގަދަ އީދަކަށް މިނިވަން 50 ހެދި ކަަމަށްވެސް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވަނީ ރާއްޖޭގައި ނަޒާހަތްތެރި ތެދުވެރި ހިންގުތެރި ސަރުކާރެއް 2023 ގައި ގާއިމުކުރައްވާނީ އޭނާ ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ