އެމްޑީޕީ އަށް ބޮޑު ކޯލިޝަނެއް އެކުލެވޭ ސަރުކާރަކާއި، ޕާލިމެންޓުގެ ސުޕަރ މެޖޯރިޓީވެސް ރައްޔިތުން ދީފި ކަމަށާއި ނަމަވެސް އެ ހުރިހާ އެއްޗެއް ލިބިތިބެމެ، ވޭތުވެދިޔަ 14 މަސް ތެރޭގައި ޤައުމަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި އިންޓަރވިއުއެއްގައި އުމަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ލީޑަރެއް ކަމަށާއި، މިޤައުމު އަލުން އުދުއްސައިގަންނަށް ބޭނުންނަމަ ބޭނުންވާނީ އެންމެ މުރާލި، އެންމެ ހިވާގި، އަދި އެންމެ ހިންގުންތެރި ލީޑަރެއް ކަމަށެވެ. އަދި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަށް މިކަމެއް ނުވާނެ ކަމަށެވެ.
"މި ޤައުމު އަލުން އުދުއްސައި ގަންނަން ބޭނުން ކަމަށް ވަންޏާ ބޭނުންވާނީ އެންމެ މުރާލި، އެންމެ ހީވާގި، އެންމެ ހިންގުންތެރި ލީޑަރެއް. އެކަހަލަ މީހަކަށް ނޫނީ މިކަމެއް ނުވާނެ. އިބޫ ސޯލިހުއަށް ސަތޭކަ ޕަސެންޓް ޔަޤީން ކަމެއް މިކަމެއް ނުވާނެކަން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު ތެރޭގައިވެސް އެމްޑީޕީއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ކުރެވޭނެހާވެސް ކަމަކީ ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ ކިޔައިގެން ހުސް އަނގަ ތެޅުން ކަމަށެވެ. ރައީސް ނަޝީދު އެ ގެންދަވަނީ އެމްޑީޕީ ޓިކެޓް ނަގައިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަކީ ނަޝީދަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށާއި، އެހެންކަމުން އިބޫ ކުރިއެރިޔަ ނުދޭންވެސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އިބޫ އަކީ ނަޝީދަށް އޮތް ވަރަށް ބޮޑު ބިރެއް. އެހެންވީމަ އިބޫ ކުރިއެރިޔަ ނުދޭންވެސް މީނަ ބައެއް ފަހަރު އެބަ މަސައްކަތްކުރޭ. އެހެންވީމަ ނަޝީދު އެކުޅޭ ރޯލަކީ އިބޫގެ ދަތި އެޅުވުމާއިއެކުގައި އަދި އޭނާ ސްލޯވ ކޮށްގެން 2023ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން،" އުމަރު ވިދާޅުވިއެވެ.
ބޭރުފުށުން ކޮންމެ މަންޒަރެއް ދައްކަވައިގެން އުޅުއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ރަނގަޅު ނޫންކަމާއި، ދެބޭފުޅުންގެ މެދުގައި ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމުގެ އަޑުތައް ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީސް ތެރެއިންވެސް ރައީސް ސޯލިހަށް ވަރަށް އިހާނެތިކޮށް މެމްބަރުން އެއްޗެތިގޮވާ އިރުވެސް ނަޝީދު ރިޔާސަތުގައި އިންނަވާމެ، އެކަން ހުއްޓުވަން އުޅުއްވާ ތަނެއްވެސް ނުފެނެއެވެ.
އިބޫ ސޯލިހަށް މިކަމެއް ނުވާނެ، ޤައުމަށް ބޭނުންވަނީ ހަރުދަނާ ލީޑަރެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ